އައްޑޫ މީދޫ ދަނޑުބިންތަކުގެ ކުލިބޮޑުކުރުމުން އެރަށުގެ ދަނޑުވެރިން ކައުންސިލަށް ޕެ‏ޓިޝަނެއް ހުށަހަޅަން ތައްޔާރު ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޕެޓިޝަނުގައި ދަނޑުވެރިން ވަނީ އައްޑޫ ސިޓީ ކައުންސިލުން ދަނޑުވެރިންނާއި މަޝްވަރާ ކުރުމެއްނެތި ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުސޫލަށް މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ގެނައި 1 ވަނަ އިސްލާހާއި މެދު ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް ޙިއްސާކޮށްފައެވެ.

އެގޮތުން ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގެ ބޮޑު މިނަކީ 3000 އަކަފޫޓު ކަމަށް ކަނޑައަޅައި، އަކަފޫޓަކަށް މަހަކު 15 ލާރި ނެގުމަށާއި، ބީލަމުގެ އުޞޫލުން ދޫކުރާ ބިންތަކުގެ ކުއްޔަކީ އަކަފޫޓަަކަށް މަހަކު 10ލާރި ކަމަށް ކަނޑައަޅާފައި ވަނީ އައްޑޫގެ ދަނޑުވެރިކަމުގެ ހާލަތަށް ބެލުމަށްފަހުގައި ނޫން ކަމަށް ޕެޓިޝަނުގައި ވެއެވެ.

އެހެންކަމުން ކުރިންވެސް ޢަމަލުކުރަމުން ދިޔަ ގޮތަށް ޢަމަލުކޮށް ދިނުމަށާއި ކައުންސިލްގެ ނިންމުން މުރާޖަޢާކޮށް، އަކަފޫޓަކަށް ކުރިން އޮތް 3 ލާރީގެ ރޭޓް އިޢާދަކޮށްދެއްވުމަށް މި ޕެޓިޝަނުގައި ދަނޑުވެރިން ވަނީ އެދިފައެވެ.

ޕެޓިޝަނުގައި އިތުރަށް ބުނެފައިވަނީ ދަނޑުވެރިންގެ އާދޭހަކީ ދަނޑުވެރިންކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެމަސައްކަތުން މުޅި މުޖުތަމަޢަށް ފައިދާކުރާނޭފަދަ ހައްލުތަކެއް ހޯދުމަށްޓަކައި ސިޓީ ކައުންސިލުން އައްޑޫގެ ދަނޑުވެރިންނާ މަޝްވަރާ ކުރެވޭނެ މާޙައުލެއް ގާއިމްކޮށްދިނުން ކަމަށެވެ.

އައްޑޫ މީދޫ ދަނޑުވެރިންގެ ކަންބޮޑުވުންތައް ކައުންސިލަށް ހުށައަޅަން ތައްޔާރުވަމުން ދާއިރު އއ. ތޮއްޑޫ ދަނޑުބިންތައް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި އެރަށުގެ ދަނޑުވެރިންނާއި ކައުންސިލާ ދެމެދުގައި ވަނީ ޚިޔާލުތަފާތު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން