ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒް
ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒް
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދަރަނީގެ ހިސާބުތަކުގައިވާ ކުރީ ސަރުކާރުން ނަގާފައިވާ ހަތަރު ލޯނެއްގެ ހިސާބުތައް މީގެ ކުރިން މަޖިލީހަށް ލިބިފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް އެ ހިސާބުތައް މަޖިލީހަށް ލިބިފައިވާ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒް ވިދާޅުވީ ސިނަމާލެ ބްރިޖަށް ޗައިނާގެ ބޭންކުން ނަގާފައިވާ ލޯނުގެ މައުލޫމާތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ސިލޯން ބޭންކުން ނެގި ލޯނުގެ މައުލޫމާތުތައް ޑިސެމްބަރު 25، 2018 ގައި ލިބިފައިވާ ކަމަށެވެ.

ސަނީސައިޑް ބޮންޑަށް، ބޮންޑް ހޯލްޑާސް އިން ނެގި ލޯނުގެ ހިސާބުތަކާއި، އަބޫދާބީ ފަންޑުން ނެގި ލޯނުގެ ހިސާބުތައް ވެސް ޖުލައި 16، 2018 ގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވި އެވެ. ނަމަވެސް މަޖިލީހަށް ލިބިފައިވާ ދެ ގެރެންޓީއެއްގެ މައުލޫމާތު ފަހުން ފިނޭންސް މިނިސްޓްރީން ފޮނުވި މައުލޫމާތުގައި ވެސް ނެތް ކަން ނާޝިޒު ވެސް ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލަ ބެލިދާނެ ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާއިރު މިފަދަ އޮޅުންތައް ނާރާނެ ގޮތަށް ބައްޓަން ކުރަން ޖެހޭ ކަމަށް ނާޝިޒް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވީ ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނާއި، ސަނީ ސައިޑް ބޮންޑަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތުގެ މަޖިލީހަށް ލިބިފައިނުވާ ކަމަށެވެ. ޢަދި ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަށް ސިލޯން ބޭންކުން ނެގި 16.1 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތު ވެސް މަޖިލީހަށް ލިބިފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ދަރަންޏެއް ނަގާތާ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެ މައުލޫމާތު ފޮނުވުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ. ދަރަނި ބެލެހެއްޓުމުގެ ޒިންމާ ސީރިއަސްކޮށް މިހާރުގެ ފިނޭންސް މިނިސްޓަރުން ވެސް ހިމެނޭގޮތުން ނަގާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ބާރުދެއްވައި މަޖިލީހުގެ އަމީން އާންމު ވެސް ވިދާޅުވީ އެ ލޯން ތަކާބެހޭ މައުލޫމާތު މަޖިލީހަށް ލިބިފައި ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޝާކިރު

11-Aug-2020

ދައުލަތް ދަރަނީ ނެތްފައިސާއިން 189 ރަށުގަ ބަދަރުހަދާ،ފެނާ ނަރުދަމާ އަޅާ،އިންޖީނުގެތަކާއި އޮފީސްތައްއަޅާ އަދި އެތަންތަނަށް ނިމުމެއްނެތް ބޭކާރު ހަރަދުކުރުމާއި، ގުދުރަތީތުން އުފިދިފައިވާ، މާ ސިންގާ ބޮޑެތިރައްރަށްއޮއްވާ ފުންފަޅުތައް ހިއްކާ އެކަމަށް އެތައްސަތޭކަ މިލިއަން ޑޮލަރެއް ދަރަންޏަށް ނަގާ، ދައުލަތައް ލިބޭ އާމުދަނީއާ ނުބައްދަލު މަލްޓި ޕާޓީ ޑިމޮކްރަސީއެކޭ މި ކިއާ އިސްރާފު ބޮޑު ދައުލަތަކާހުރެ ނޫންތޯ؟ އަދި އިމެއްނެތި ގޮޑި އިތުރުވާ މަޖިލީހާހެދި ނޫންތޯ؟ ދެންވެސް މި ގައުމު ،ޒަމާނެއްގެ ކޮޅުންވެސް ދަރަނިވެރިކަމުން މިންޖުވާން ބޭނުންނަމަ ،މީހުން ދިރި އުޅެންވީ ގިނަވެގެން އިންތިހާބީ ދާއިރާ ނިސްބަތްވާ ރަށްރަށުގަ ދާއިމީގޮތެއްގަ ދިރިއުޅޭ އާބާދީ 10000 އެކު، ހުރިހާ ވަސީލަތެއްވެސް އޭރުން ތަރަގީވެސްވާނެ ދޯ؟



ޓްރެންޑިން