ސްޕޯޓްސް ފިޝިންގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ހާބަރުތަކުގެ މަސައްކަތް މާ ލަސްތަކެއްނުވެ ނިންމާލެވޭނެކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ މަސްރޭހުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ނިސްބަތުން އަދި ދުނިޔޭގެ ނިސްބަތުގައި ވެސް މަސްވެރިކަމުގެ ތެރޭގައި ސްޕޯޓްސް ފިޝިންގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ވަރަށް ގިނަކަމަށެވެ.

އެހެންކަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ސްޕޯޓްސް ފިޝިން ހާބަރުތަކެއް ތަރައްގީކުރުން ހިމެނިފައިވާނޭ ކަމަށާއި އެކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ އެފަދަ މައިގަނޑު މަސައްކަތްތައް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުންކަމަށާއި އަދި ސްޕޯޓްސް ފިޝިން ހާބަރުގެ މިހާރު ކުރިއަށްދަނީ ކޮންސެޕްޓް ޑިޒައިނިންގ ގެ މަސައްކަތްތައް ކަމަށެވެ.

އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެފަދަ ހާބަރުތައް ތަރައްގީވެގެން ދާއިރު އެ ތަންތަން ޑިޒައިން ކުރާނީ ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކުގެ ވެސް ސަމާލުކަން ލިބޭގޮތަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން