ޖުލައި މަހު ފިޝަރީޒް ކޮލެޖަށް ޑީން އައްޔަންކޮށް ކޮލެޖްގެ ރަސްމީ މަސައްކަތް ފަށާނެ ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމު ކުރުމަށްޓަކައި މަސްވެރިކަމާބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން މަސްވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަހުމަދު ވިދާޅުވީ ފިޝަރީޒް ކޮލެޖްގެ ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ހަލުވިކޮށް މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ޖުލައި މަހު ކޮލެޖަށް ޑީންއެއް އައްޔަންކޮށް ކޮލެޖްގެ ރަސްމީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނަ ވިދާޅުވި އެވެ.

“އެމްއެންޔޫގެ އޮގަސްޓް އިންޓޭކްގައި މި ކޮލެޖްގައި ޑިގްރީ ފެންވަރަށް ޕްރޮގްރާމްތައް މަސްވެރިކަމުގެ އެކި ދާއިރާތަކުން ފެށުމަށް ދަނީ މަސައްކަތްކުރަމުން.” އަމްޒަތު ވިދާޅުވިއެވެ.

ފިޝަރީޒް ކޮލެޖެއް ޤާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން އިއުލާން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

އެމްއެންޔޫ އިން މީގެ ކުރިން ބުނެފައިވަނީ ފިޝަރީޒް ކޮލެޖްގެ ކޯސްތައް ފަރުމާކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ކޯސްތައް ހިންގުމަށް ބޭނުންވާ ހުއްދަ ހޯދުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ފޮނުވާފައިވާ ކަމަށް ވެސް ޔުނިވަސިޓީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން