ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ އަހުމަދަށް ފަރުވާ ދިނުމުގައި ސިއްޙީ އެހީތެރިން އިހުމާލުވެފައިވާތީ އެކަމުގެ ބަދަލު ހޯދުމަށް ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމާމެދު ގޮތެއް ނިންމަން ދައުލަތަށް މިއަދު ފުރުސަތު ދީފިއެވެ.

މި މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވާފައެވެ.

އެ އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލުން މިއަދު ވިދާޅުވީ ގެއްލުމުގެ ބަދަލާމެދު ކޯޓުން ބޭރުގައި މަޝްވަރާކޮށްގެން ޙައްލުހޯދުމަށް ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވޭނީ ސަދާގެ މަރުގައި ދައުލަތުގެ އިހުމާލު އޮތް ކަމަށް ދައުލަތުން އެއްބަސްވާ ނަމަ ކަމަށް ވަކީލުން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ސަދާގެ މައިންބަފައިން ބޭނުންވާކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު އެގޮތަށް ބުނާތީ މަޝްވަރާ ކުރުމަށްފަހު ޖަވާބެއް ދިނުމަށް ދަޢުލަތުން ވަނީ ފުރުސަތަކަށް އެދިފައެވެ.

އެހެންކަމުން ސިވިލް ކޯޓުން މިއަދު ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމާމެދު ގޮތެއް ނިންމަން ދައުލަތަށް ދެ ދުވަހުގެ ފުރުސަތެއް ދީފަ އެވެ. އަދި އެގޮތަށް ދައުލަތުން ބޭނުންވާ ނަމަ ޝަރީއަތް މަޑުޖައްސާލާނެ ކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވިއެވެ.

ރާއްޖޭގައި ސިއްޙީ ދާއިރާއާ ގުޅުންހުރި އިހުމާލުތައް އިތުރުވެފައިވާއިރު، މޯލްޑިވްސް މެޑިކަލް ކައުންސިލުން އެ މައްސަލަ ބެލުމަށް ފަހު، ސަދާ މަރުވުމުގައި ޑޮކްޓަރުންގެ އިހުމާލު ހިމެނޭ ކަމަށް ނިންމައި، ދެ ޑޮކްޓަރުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ވަޒީފާއިން ވަކިކޮށް، އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

މި މައްސަލާގައި އެޗްއާރުސީއެމުން ކޮށްފައިވާ ތަހުގީގުގައިވެސް ނިންމާފައިވަނީ ސަދާގެ މަރުގައި ސިއްޙީ ޚިދުމަތްތެރިންގެ އިހުމާލު އޮތް ކަމަށެވެ.

ސަދާ ނިޔާވެފައިވަނީ އޮކްޓޯބަރު ތިން ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. ސަދާއަކީ ޖީސިކްސް ޕީޑީ ޑިފިޝިއަންސީ ކުއްޖެއް ކަމަށާއި އެހެންވުމުން ވަރަށް ގިނަ ބޭސްތަކަށް އެލާޖިކްވާނެކަން ޑޮކްޓަރަށް އެނގެންވާނެ ކަމަށް ސަދާގެ ޢާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން ތުހުމަތު ކުރަނީ ސަދާ ނިޔާވެފައިވަނީ ޑޮކްޓަރަށް ދެއްކުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން