ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް ޑރ. މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރާއި ބައްދަލުކުރެއްވީ މިއަދު ހެނދުނުއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ކެބިނެޓްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ޖައިޝަންކަރު ޙަވާލުވެ ވަޑައިގެންނެވީ އިއްޔެއެވެ. ޖައިޝަންކަރު ވަނީ ނިމުނު ދައުރުގައިވެސް އިންޑިއާގެ ޚާރިޖީ ވަޒީރުގެ މަޤާމް އަދާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޢިއްޒު އާއި ޚާރިޖީ ވަޒީރު ޖައިޝަންކަރުގެ ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިބައްދަލުވުމަށްފަހު ޚާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ ކުރިމަގުގައި ދެ ގައުމަށް ގުޅިގެން ވަރަށް ގާތްކޮށް މަސައްކަތްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދްރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން