އިންޑިއާގެ ރައީސް އާއި ރާއްޖޭގެ ރައީސް ބައްދަލުކުރެއްވުން
އިންޑިއާގެ ރައީސް އާއި ރާއްޖޭގެ ރައީސް ބައްދަލުކުރެއްވުން
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮތީ މިއަދު އިންޑިއާގެ ނިއުދިއްލީގެ ރާޝްތުރަޕަތީ ބަވަންގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގެންނެވި އިންޑިއާގެ އަވައްޓެރި ޤައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ވެސް ރައީސް ވަނީ މިއަދު ބައިވެރިވެވަޑައިގެންފައެވެ.

ރަސްމީ ޖާފަތް ބާއްވަވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރާ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުގައެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން