ރާއްޖޭން ފަލަސްތީނަށް ދޭ އެހީ 10 ގުނަ އިތުރު ކުރަން ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ މި އަހަރު ރާއްޖެއިން ފަލަސްތީނަށްދޭ އެހީ 10 ގުނަ އިތުރު ކުރައްވަން ރައީސް ޑރ. މުޢިއްޒު ނިންމަވައިފައިވާ ކަމަށެވެ.

އެގޮތުން ފަލަސްތީނަށް އެހިވުމަށް އދ. ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ދޭ ފައިސާގެ އެހީ 50000 ޑޮލަރަށް އިތުރު ކުރަން ނިންމައިފައިވަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ރާއްޖޭން ދެމުން އަންނަނީ އަހަރަކު 5000 ޑޮލަރު.. އެކަމަކު މި އަހަރުން ފެށިގެން ރާއްޖެއިން އެހީގެ ގޮތުންގައި 50000 ޑޮލަރު ދޭން ވަނީ ނިންމާފައި.” ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެ ފައިސާ ހަވާލު ކުރާނީ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ.



ރައީސްގެ އެންގެވުމަށް ދަޢުލަތުގެ މީޑިއާއިން މިއަދު ކުރިއަށްގެންދާ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ފެށިގެން މިރޭގެ 12:00 ގެ ނިޔަލަށެވެ. މި ޓެލެތޯންގައި މާލޭގެ 13 ސަރަހައްދެއްގައި ވަނީ ފަންޑު ފޮށި ބަހައްޓައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޝާން

22-Jun-2024

މިފައިސާ މަޙްމޫދު ޢައްބާސުގެ ޕާޓީއަށް ލިބިގެންނުވާނެ، އެއީ މުޖާހިދުން ގެ ދުޝްމަނުން



ޓްރެންޑިން