ހެލްތު މިނިސްޓަރ އަމީން އަދި ހޯމް މިނިސްޓަރ އިމްރާން؛ ދެބޭފުުންވެސް މިހާތަނަށް މާލީ ބަޔާން ހުށައެއް ނާޅުއްވާ
ހެލްތު މިނިސްޓަރ އަމީން އަދި ހޯމް މިނިސްޓަރ އިމްރާން؛ ދެބޭފުުންވެސް މިހާތަނަށް މާލީ ބަޔާން ހުށައެއް ނާޅުއްވާ
ސަރުކާރުގެ ކެބިނެޓްގައި މި ވަގުތު ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ތެރެއިން އެއްވެސް އިރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެސެޓް ޑިކްލަރޭޝަން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ރިޕޯޓުގައި ބުނެފައިވަނީ ބައެއް ވަޒީރުން އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ. ކުރީގެ ބައެއް ވަޒީރުންނާއި މިހާރުގެ ބައެއް ވަޒީރުން މަގާމާއި ހަވާލުވި ފަހުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ މިނިވަން މުއައްސަސާތަކުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ.

ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުން އެސެޓް ޑިކްލަރޭޝަން ހުށަހަޅަން ޖެހޭއިރު، ކެބިނެޓް މިނިސްޓަރުންގެ ތެރެއިން މަގާމާއި ހަވާލުވި ފަހުން އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާފައި ނުވާ އަދި މިހާރު ވެސް ކެބިނެޓްގައި ހިމެނެނީ ދެ މިނިސްޓަރެކެވެ. އެއީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއެވެ.

ކެބިނެޓްގައި ކުރިން ހިމެނިވަޑައިގެންނެވި ވަޒީރުންގެ ތެރެއިން އެއްވެސް ވަރަކަށް މާލީ ބަޔާން ހުށަނާޅާ ދެ މިނިސްޓަރަކު ހިމެނެއެވެ. އެއީ ކުރީގެ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފާއި، ކުރީގެ މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދެވެ. މަގާމާ ހަވާލުވުމަށްފަހު އަހަރަކު އެއްފަހަރު ހުށަހަޅަން ޖެހޭ މާލީ ބަޔާން ހައުސިން މިނިސްޓަރ އާމިނަތު އާތިފާ ވެސް ހުށަހަޅުއްވާފައެއް ނުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕީޖީ ހުސައިން ޝަމީމް ވެސް އެސެޓް ޑިކްލަރޭޝަން ހުށަހަޅުއްވާފައެއް ނުވެއެވެ. ޕީޖީ ޝަމީމް ހުށަނާޅުއްވަނީ މަގާމާއި ހަވާލުވުމާއެކު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ތެރެއިން 2019 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން