މަރަދޫ ޒުވާން މަސްވެރިއަކު އޭނި ބޭނި މަހެއް ދައްކާލަނީ ފޮަޓޯ: މަރަދޫ މަސްވެރިޔާ އެފްބީ ޕޭޖް
މަރަދޫ ޒުވާން މަސްވެރިއަކު އޭނި ބޭނި މަހެއް ދައްކާލަނީ ފޮަޓޯ: މަރަދޫ މަސްވެރިޔާ އެފްބީ ޕޭޖް
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާމިއަދު ދޫކުރާނެކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މަސްވެރިންނަށް ޤަވާއިދުން ފައިސާ ނުދެވި ހުރިކަން ފާހަގަކުރަމުން މިފްކޯއިން މިއަދު ބުނީ މަސްވެރިންނަށް ނުދެވި ހުރީ 80 މިލިއަނާއި ގާތްކުރާ އަދަދެއްގެ ފައިސާކަމަށާއި އެ ފައިސާއިން މިއަދުގެ ނިޔަލަށް 46 މިލިއަން ދޫކުރާނެ ކަމަށެވެ.

އޭގެއިތުރުން މިހާރު ޕެންޑިންގައި ހުރި ފައިސާ ޚަލާސް ކުރުމަށް ފިޝަރީޒް މިނިސްޓްރީއާއެކު މިފްކޯއިން މަސައްކަތްތައް ކުރަމުންދާކަމަށް އެކުންފުނިން މައުލޫމާތު ދީފައިވެއެވެ.

މިފްކޯއިން ބުނީ މަސްވެރިނަށް ދޫކުރަންޖެހޭ ފައިސާ އަކީ މަސްކިރާ މިންވަރެއްގެ މައްޗަށް އިތުުރުވާނެ އެއްޗެއްކަމަށެވެ. އެހެންކަމުން އަބަދުވެސް ދައްކަންޖެހޭނެ ފައިސާ ހުންނާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު 3 އަހަރުގެ ތެރޭގައި މިފްކޯއަށް ސަބްސިޑީ ނުދީ ކުރިއަށް ގެންދެވޭ މަގެއް ފަހިކުރައްވާނެކަމަށް މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވެފައި ވާކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން ދަނީ ކަނޑުއޮށްގިރީގައި ހުރި ފެސިލިޓީ ހުޅުމާލެއަށް ބަދަލުކުރުމަށް ފިޝަރީޒް އާއިއެކު މަޝްވަރާކުރަމުން ކަމަށެވެ. އެހެންނަމަވެސް މިވަގުތު ކުންފުނިން 20 ރުފިޔާގެ ރޭޓުން މަސް ގަންނަމުންދާނެ ކަމަށާއި އެކަން ކުރާނީ ސަރުކާރުގެ ސަބްސިޑީގެ އެހީތެރިކަމާއިއެކުކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

މިފްކޯއިން މިހެން ބުނެފައިވާއިރު މަސްވެރިންނަށް ފައިސާ ނުދެވި ގިނަ ދުވަސްވެފައިވާތީ މަސްވެރިން އިއްޔެ ވަނީ އިހުތިޖާޖުކޮށްފައެވެ. އެ އިހުތިޖާޖުތައް ހުއްޓައިލީ މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ހެޔޮކުރަން ސަރުކާރުން ނިންމުމުންނެވެ.

ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން