މޫސުން ތަންދޭނަމަ މި އަހަރުގެ ބޮޑު ޢީދު ނަމާދު މާލެ ސަރަހައްދުގެ 6 ތަނެއްގައި ބޮޑު ޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އަޟްހާ އީދުގެ ހަރަކާތްތަށް ކުރިއަށްދާގޮތް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، މާލެ ސަރަޙައްދުގެ 28 މިސްކިތެއްގެ އިތުރުން މާލެ ސަރަހައްދުގެ 6 ތަނެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން މާލޭގައި ހަމަޖެހިފައިވާ ތަންތަނަކީ، މާފަންނު ސްޓޭޑިއަމާއި، އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު، މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މިސްކިތުގެ މާބްލް ސަރަޙައްދުގައެވެ.

ހުޅުމާލެ ފޭސް 1ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ހުޅުމާލެ ފޭސް 2 ގައި ނަމާދުކުރަނީ ކްރިކެޓް ސްޓޭޑިއަމް އަޅާ ސަރަހައްދުގައެވެ.

ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުން ވިލިމާލޭގައި އޮންނަނީ ފުޓްބޯޅަ ދަނޑުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަންނުދޭނަމަ މާލޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެ ކަމަށެވެ.

ޢީދުނަމާދަށް ވަޑައިގަންނަވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުން، އަމިއްލަ މުޞައްލައެއް ގެނައުން، އަމިއްލަ ފެންފުޅިއެއް ގެނައުން، ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުން ހިމެނެއެވެ.

މިދިޔަ ފިތުރު އީދެކޭ އެއްގޮތަށް އަޟްހާ އީދު ނަމާދުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަށާނީ ހެނދުނު 7 ޖަހާއިރު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން