ކ. ދިއްފުށީގައި އަލަށް ޤާއިމްކުރާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ އިންޖީނުގެއަކަށް ކަމަށާއި، މި މަސައްކަތް ބުރޫ ނާރައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ކ. ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކުރުމަށާއި އައު އިންޖީނުގޭގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ދިއްފުށީގައި މިހާރު ޚިދުމަތްދެމުންދާ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައި ކަމުން ރައްޔިތުންނަށް އޭގެން އުނދަގޫތަކެއް ވަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އުނދަގޫ ނުވާނެ ސަރަޙައްދެއްގައި އަލަށް ޤާއިމްކުރެވިގެންދާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ޚިދުމަތްތައް ހިމެނޭ އިންޖީނުގެއަކަށް ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން މި މަޝްރޫއަކީ ސީދާ ސްޓެލްކޯގެ ޚަރަދުގައި ކުރިއަށްދާ މަޝްރޫޢުއެއް ކަމަށާއި، މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

“ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާއިއެކު މަސައްކަތް ކުރެވޭނެ މާޙައުލު އޮންނާނެ.” ފަހުމީ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ ދިއްފުށި ފަދަ ލޯކަލް ޓުއަރިޒަމް ކުރިއަރަމުންދާ ރަށަކަށް ވަރަށް މުހިއްމު ޚިދުމަތެއް ކަމަށާއި، އެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވޭ ކަމަށެވެ.

ނަޞީމް ވިދާޅުވީ ދިއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް ނިމި، ވަރަށް އަވަހަށް އެ އިންޖީނުގެއިން ޚިދުމަތްދޭން ފެށޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ، ދިއްފުށީގެ ކަރަންޓު ވިއުގަ ޒަމާނީކޮށް، ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ބިންގާ އެޅި ދިއްފުށީ އިންޖީނުގެއަކީ ޒަމާނީ ޚިދުމަތްތައް ދިނުމަށް އެކަށޭނަ މިންގަނޑުތަކަށް ފަރުމާކޮށް، ދުރު ރާސްތާގައި ދިއްފުއްޓަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެގެންދާ ނިސްބަތުން ޚިދުމަތް ފުޅާކުރެވޭނެ ފަދައިން ޤާއިމްކުރުމަށް ނިންމާފައިވާ އިންޖީނުގެއެކެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމްއެވެ.

ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ނިމިގެންދާއިރު އެ ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަޞީލަތްތަކާއި އޮފީސް އިމާރާތެއް ޤާއިމްކުރެވިގެންދާނެއެވެ.

މިއަދު ދިއްފުށީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ޚަވާސާގައި ސްޓެލްކޯއިން ވަނީ އެ ރަށުގައި 1000 ގަސް އިންދާފައެވެ. މިއީ ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ ޙަރަކާތެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން