މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި "ހުތުރުކޮށް ނޫޅުއްވާނެ" ކަމަށް 100 ފަހަރު ލިޔުއްވުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު އަންގަވައިފިއެވެ.

މަޖިލިހުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވައި ޝަރީފް ވިދާޅުވީ ވަޒީރުން މަޖިލިހަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމުން ރައީސް ނަޝީދު ވިދާޅުވާ ގޮތް ގޮތުން "ވާންވީ ގޮތާއި" "ވާންވީ ގޮތެއް" އަދި "ޕޮލިސީ" އަކީ ކޮބައިކަން ސާފު ނުވާ ކަމަށެވެ. މީގެއިތުރުން ވަޒީރު ބައެއް ފަހަރު، އިތުރުފުޅު ހައްދަވަނީއޭ ހީވާ ފަހަރު ވެސް އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެވަގުތު މަޖިލިހުގައި އިންނެވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ޝަރީފްގެ ވާހަކަ ނުނިމި އުޅެނިކޮށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވާފައެވެ. އަދި ޝަރީފްގެ މައިކް، ކަނޑުއްވާ ލުމާއި ގުޅިގެން އޭނާ ވަނީ ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފައެވެ.

އެހެންކަމުން، މައިކް ކަނޑާލި ފަހުން ޝަރީފް ވިދާޅުވި އެއްޗެއް ނޭގެއެވެ. ރައީސް ނަޝީދު، ވަނީ ޝަރީފަށް އިށީނދެވަޑައިގަތުމަށް އަންގަވާފައެވެ. ރައީސް ނަޝީދުގެ އެންގެވުމާ އެއްގޮތަށް ޝަރީފް ގޮނޑީގައި އިށީންނެވިއެވެ. އެހެން ނަމަވެސް ފަހުން ވެސް ޝަރީފް ވަރަށް ބޮޑަށް އަޑު ގަދަ ކުރެއްވިއެވެ.

ޝަރީފް ތަކުރާރުކޮށް އަޑުގަދަ ކުރެއްވުމާ ގުޅިގެން މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ނިޒާމީ މައްސަލަ ނަންގަވައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލުގެ އަޑު އިވިވަޑައިގެންފައި ނުވާތީ ސުވާލު ތަކުރާރުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ސައީދު އެގޮތަށް ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޝަރީފް، މަޖިލީހުގެ ނިޒާމަށް އުނދަގޫވާ ގޮތަށް އަޑުގަދަކުރައްވައި ހެއްދެވީމާ، އެކަމުގެ ސަބަބުން އެހެން މެމްބަރުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ.

"މަރަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން، 100 ފަހަރު ލިޔުއްވަން އެގޮތަށް ހުތުރުކޮށް، ހަޑިކޮށް ނޫޅުއްވުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި "ކަށިގަނޑު ނުފުމޭނެ" ކަމަށް 100 ފަހަރު ލިޔުއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް ވެސް ރައީސް ނަޝީދު ވަނީ އަންގަވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައީސް ނަޝީދު އަދަބު ދެއްވަމުން ގެންދަވާއިރު އެއީ މަޖިލީހުގެ ގަވާއިދުގެ ދަށުން އެމަނިކުފާނަށް ލިބޭ ބާރެއް ނޫންކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދާ ނިޒާމާއި ޚިލާފު ކަމެއް މެމްބަރަކު ކުރައްވައިފިނަމަ އެ މެމްބަރަކަށް ތިން ފަހަރު ނަސޭހަތް ދިނުމަށްފަހު އެ މެމްބަރަކު ތަޅުމުން ނިކުމެވަޑައިގަތުމަށް އެންގުމުގެ ބާރު ރިޔާސަތަށް ލިބިގެންވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޢާޞިމް.

11-Aug-2020

އެއީ ޑްރާމާއެއް.


3

ސަމިމް

11-Aug-2020

އަންނި ގެ ހުދުމުހުތާރު ކަން ތިޔަފެންނަނި އަދި އޭނާ ސަރުކަރާ ޖައްސާލައިފަ ހުރިމިންވަރު ތި އެނގެނީ އަންނި އަކީ އިބޫ ގެ ސަރުކާރަށް ޖެއްސުން ކުރާމީހެއް



ޓްރެންޑިން