ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖެ ސޮވެރިން ޑެޓަކަށް ނުދާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ މަޖިލިހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި އެމައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ސޮވަރިން ގެރެންޓީގެ ގޮތުގައި ދީފައިވާ ލޯނުތަކަށް ފައިސާ ދެއްކޭތޯ އާއި ނުދެއްކޭތޯ ފިނޭންސުން ދުވަހުން ދުވަހަށް ބަލަމުން އަންނަ ކަމަށެވެ. އަދި ސޮވަރިން ގެރެންޓީއެއްގެ ދަށުން ދޫކޮށްފައިވާ އެއްވެސް ލޯނެއް ޑީފޯލްޓް ވެއްޖެ ނަމަ، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާ ދައުލަތަށް ނަގައިގެން ވިޔަސް، އެ ލޯނު ދައްކާ ހަލާސްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ ވާހަކަ މާ ބޮޑު ކަމަކަށް ހަދައިގެން ނުދައްކަނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް މުހިންމުވާތީ ކަމަށް ވެސް މިނިސްޓަރު އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން މިތާ ތިބިއްޔާ، ދައުލަތް ސޮވަރިން ޑީފޯލްޓަކަށް ދިޔަކަ ނުދޭނަން." ސޮވެރިންގ ޑެޓަކަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އިތުރު ތަފްސީލް އަންނަނީ....

ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަން މިނިސްޓަރު އަމީރު ވަނީ ފާހަގަކުރައްވާފައެވެ. ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި ރިސޯޓު ތަރައްގީ ކުރުމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ނުދެއްކުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުގެ ސަބަބުން ކަމަށް އެ ކުންފުނިން އެންގި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އަނެއް ދުވަހު ޗައިނާ އެގްޒިމް ބޭންކުން އެ ފައިސާ ދެއްކުމަށް ދައުލަތަށް އަންގާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ނޯޓިސް އައުމުން ކޮންޓިންޖެންޓް ލައިބިލިބިޓީ އަކުން ޑައިރެކްޓް ލައިބިލިޓީއަކަށް ބަދަލުވެފައި މިއޮތީ. އަޅުގަނޑުމެން އެންގިން މި ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓުގައި މިވެނި ވަރަކަށް ފައިސާ ހުންނަންވާނެއޭ. އެހެން ނޫނިއްޔާ އެގްރީމެންޓްގައިވާ ގޮތުގެ މަތިން މޯގޭޖް ރައިޓްސް އެކްސަޒައިޒް ކުރާނެ ވާހަކަ." ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އޭއެސްއެޗް އިން އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓަށް ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މަޖިލީހުގެ ރައީސް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ސޮވެރިން ގެރެންޓީ ދީފައިވާ ޕްރޮޖެކްޓްތަކުގެ ސައިޓަށް ދާން ޕްލޭން ކުރި ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ސޮވެރިން ގެރެންޓީ ދީފައިވާ ކުންފުނިތަކުން ކޮންމެ ކުއާޓާއަކުން ފިނޭންސް މިނިސްޓްރީ އަށް މާލީ ރިޕޯޓް ހުށަހަޅަން ޖެހޭކަމަށް އަމީރު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮވެރިން ގެރެންޓީ ދިން އަމިއްލަ ހަމައެކަނި ދިވެހި ކުންފުންޏަކީ ވެސް ސިޔާމްގެ ކުންފުނި ކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ މަޖިލީހުގެ ކޮމެޓީއަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި މިހާރުގެ މިނިސްޓަރު އަމީރާއި ކުރީގެ މިނިސްޓަރު އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާއި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވަނީ ހާޒިރުކޮށްފަ އެވެ. ގަވަރުނަރު އަލީ ހާޝިމް މި ކޮމެޓީގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން