ދައުލަތުގެ މިހާރުގެ މާލީ ވަޒީރު ހިމެނޭހެން ކުރީގެ ދެ މާލީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ދައުލަތުގެ ދަރަނި އޮން މިންވަރާއި، ދަރަންޏަށް ފަައިސާ ދައްކަމުންދާ ގޮތް ސާފުކޮށް ދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ދަރަންޏަކީ ކޮބައިކަން އެބޭފުޅުން އޮޅުން ފިލުވައިދީފިއެވެ.

މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި މިއަދު ހިނގަމުންދާ ކޮމެޓީ ބަހުސްގައި ވާހަކަ ދެއްކެވި މާލީ ވަޒީރުންވަނީ ދައުލަތުގެ ދަރަނި މެނޭޖް ކުރާ ގޮތާއި ދަރަނި ނަގާ ގޮތާއި، ދަރަނި އަދާކުރާ ގޮތް މަޖިލީހަށް ވިދާޅުވެދެއްވާފައެވެ. އަދި ދަރަންޏަށް ލޯނު ނަގާއިރު މިއިން ކޮންމެ ލޯނެއްގެ މައުލޫމާތު މަޖިލީހާއި ބަރާބަރަށް ހިއްސާ ކުރައްވާފައިވާނެ ކަމަށް މާލީ ވަޒީރުން ވިދާޅުވިއެވެ.

މާލީ ވުޒާރާއަކީ ދައުލަތުގެ އެހެން ވުޒާރާތަކާއި ޚިލާފަށް ވަރަށް ހަރުދަނާ އުސޫލުތަކެެއްގެ ތެރެއިން ދައުލަތުގެ އެންމެ މުހިންމު ޒިންމާ އަދާކުރާ އެއްވުޒާރާއަށްވާއިރު އެވުޒާރާގެ މުވައްޒިފުންނާއި މާލީ ވަޒީރުކަން ކުރެއްވި ބޭފުުޅުން ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަރަށް ރަނގަޅަށް އަދާކުރައްވާފައިވާކަމަށް ހުރިހާ ވަޒީރުންވެސް ވަނީ އިއްތިފާގުވެފައެވެ. އަދި ހުރިހާ ވަޒީރުންވެސް ވަނީ މާލީ ވުޒާރާއިން ދައުލަތުން ނަގާ ލޯނުތަކާއި ސޮވެރިން ގެރެންޓީ ދީގެން ނަގާ ލޯނުތަކުގެ ދަރަނި އަދާކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ގިނަ ސުވާލުތަކެއް މިހާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރަށް އަމާޒު ކުރެވުނު އިރު އަމީރު ދައްކަވާ ގިނަ ވާހަތަކަށް މަޖިލިސް ރައީސް ވަނީ ވަރަށްބޮޑަށް ދެކޮޅު ހައްދަވައި ގިނަ ފަހަރަށް ވާހަކަ ދެއްކެވުންވެސް ހުއްޓުވާފައެވެ. މިނިސްޓަރ އަމީރު ވަނީ ސޮވެރިން ޑެޓަކަށް ރާއްޖެ ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް މަޖިލީހުގެ ރައީސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައެވެ.

މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި މިއަދު ހިނގަމުންދާ ކޮމެޓީ ބަހުސްގެ މައިގަނޑު ސުވާލަކީ ސަން ސިޔާމް މޯލްޑިވްސް އަށް ސަރުކާރުން ދީފައިވާ ލޯނު ޑިފޯލްޓްވުމާ ގުޅޭ ގޮތުން މެމްބަރުން ކުރައްވާ ސުވާލުތަކެވެ. އަމީރު ވިދާޅުވީ، ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.

ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. މި ލޯނުގެ ދަށުން ޗައިނީސް އެގްޒިމް ބޭންކަށް ލޯނު ދެއްކުމުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން ދިޔައިީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ.

އަމީރު ވިދާޅުވީ ސޮވެރިން ގެރެންޓީ ދީފައިވާ ޕްރޮޖެކްޓްތަކުގެ ސައިޓަށް ދާން ޕްލޭން ކުރި ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ސޮވެރިން ގެރެންޓީ ދީފައިވާ ކުންފުނިތަކުން ކޮންމެ ކުއާޓާއަކުން ފިނޭންސް މިނިސްޓްރީ އަށް މާލީ ރިޕޯޓް ހުށަހަޅަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރާއި މިހާރުގެ މިނިސްޓަރު އަމީރާއި ކުރީގެ މިނިސްޓަރު އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާއި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ގަވަރުނަރު އަލީ ހާޝިމް މި ކޮމެޓީގައި ބައިވެރިވެ ވަޑައިގަތީ ވީޑިއޯ މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު


5

ކަމަނަ

12-Aug-2020

މިކަހަލަ ދެއުޅި އެއްނުވާ ކަން ިަން ކުރީމަ ބޭލެނީ އަމިއްލަސޯޓް.



ޓްރެންޑިން