ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
މާލީ ބަޔާން ހުށަނާޅާ ސަރުކާރުގެ ވެރިންގެ ލިސްޓުގައި، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ނަން ހިމެނުމުން މާލީ ބަޔާން ހުށަނޭޅުނީ ބައެއް މައުލޫމާތު ނުލިބިގެން ކަމަށް ވިދާޅުވެ ބަހަނާ ދައްކަވަން ފަށްޓަވައިފިއެވެ.

ނޮވެމްބަރު 17، 2018 އިން ފެށިގެން އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކާއި ނާޅާ ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން އާންމުކޮށް ވަނީ ރިޕޯޓެެއް ނެރެފައެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ މާލީ ބަޔާން ހުށަނޭޅުނު ސަބަބު އޮޑިޓާ ޖެނެރަލަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް މާލީ ބަޔާން އާންމު ކުރާނެ ކަމަށް ވިދާޅު ދައުލަތުގެ ފަރާތުން މައްސަލަ ތަކުގައި ދައުވާ ކުރައްވާ ޕީޖީ ވަނީ ބަޔާން ހުށަނާޅާ ވެރިންގެ ރިޕޯޓް ނެރުމުން އެކަމުން ރެކިވަޑައިގަންނަވަން ބަހަނާ ދައްކަވާފައެވެ.

މައުލޫމާތުތައް ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެކަން އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ޕީޖީ ވިދާޅުވި ނަމަވެސް ޕީޖީ ފަދަ ޒިންމާދާރު ބޭފުޅަކު އަދި އެފަދަ ބަހަނާތައް ދެއްކުމުގެ ފުރުސަތު ނުދީ މީހުންގެ މައްޗަށް ދައުވާ އުފުއްލަވަން ހުންނެވި ބޭފުޅަކު ކަނޑައެޅިގެން ގާނޫނީ ގޮތުން އަދާ ކުރައްވަން ޖެހޭ ޒިންމާއަކުން ރެކިވަޑައިގަންނަވަން ބަހަނާއެއް ދެއްކެވުމަކީ ޕީޖީގެ ސުލޫކާއިމެދު ސުވާލު އުފައްދާނެ ޖާގަ އޮތް ކަމެކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުގައި ބުނާގޮތުން ޕީޖީ ޝަމީމް މަގާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އޭނާ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވުމުގެ ކުރިން އަދި ކޮންމެ އަަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަން ގާނޫނުން ލާޒިމްވެއެވެ. އޮޑިޓް އޮފީހުން އާންމުކުރި އެ މައުލޫމާތުތަކަށް ބަލާއިރު އެއްގޮތަކަށް ވެސް މާލީ ބަޔާން ހުށަނާޅަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި ޕީޖީ ޝަމީމް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން