އޭސީސީީގެ ރައީސާ މަރިޔަމް ޝިއުނާ
އޭސީސީީގެ ރައީސާ މަރިޔަމް ޝިއުނާ
އޭސީސީ އިން ބަލާފައިވާ މައްސަލަތަކާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން ހޯދަން އެދިފައިވާ ފައިސާގެ އަދަދު 190 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެއެވެ.

ރައްްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މިދިޔަ އަހަރު އޭސީސީން ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ފައިސާގެ އަދަދު 3.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން އެދިފައިވާ ފައިސާގެ އަދަދު 190 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި، އޭގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުނީ 90،449ރ. ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ. ޝިއުނާ ވަނީ މިހާތަށް ނިއްމި މައްސަލަތަކުގެ ތަފްސީލް ވެސް މިއަދު ހާމަކުރައްވާފައެވެ.

މަގާމާ ހަލާވުވެވަޑައިގެންނެވި ފަހުން އޭސީސީން މިހާތަނަށް 1،201 ޝަކުވާއެއް ބަލައި ނިންމައިފައިވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 392 މައްސަލަ ބަލައި ނިންމާފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް އިއުލާންކުރި ލޮކްޑައުންގެ މުއްދަތުގައި 196 ކޭސްއެއް ބަލައި ނިންމާފައިވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

"މި 392 ކޭސްގެ ތެރެއިން 11 މައްސަލައިގައި ދައުވާ ކުރުމަށް އަޅުގަނޑުމެން ފޮނުވިން." ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ ޕީޖީއާ މަޝްވަރާ ކުރައްވައި 70 ކޭސްއެއްގައި ދައުވާ ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އޭގެ ތެރެއިން 35 މައްސަލައެއްގައި މި އަހަރު ނިމެންވާއިރަށް ދައުވާ ކުރާނެ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

އާ ކޮމިޝަނުން މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެމްއެމްޕީއާރުސީގެ މައްސަލައިގައި 11 ދައުވާއެއް ކޮށްފައިވާ ކަން ފާހަގަކުރައްވަމުން އޭސީސީގެ ރައީސާ ވިދާޅުވީމި މަހުގެ ތެރޭގައި އިތުރު ފަސް ކޭސްއަކާ ގުޅިގެން ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ. އެކަމަކު، އެއީ ކޮން ކޭސްތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން ޝިއުނާ ވިދާޅުވީ އޭސީސީ އިން މިހާތަނަށް ނުނިމި 832 މައްސަލަ އޮތް ކަމަށެވެ. އޭގެ ތެރެއިން 152 މައްސަލައަކީ އެކި އަތޮޅުތަކަށް ދަތުރުކޮށްގެން ނިންމޭނެ މައްސަލަތައްކަން ފާހަގަކުރައްވަމުން ޝިއުނާ ވިދާޅުވީ ލޮކްޑައުން އާއި ބަޖެޓުން ހަތް މިލިއަން ރުފިޔާ އުނިކުރުމުގެ ސަބަބުން އެ ތަހުގީގުތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އޭސީސީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ގިނަ ތަހުގީގުތަކެއް ހިންގާފައިވާ ކަމަށާއި ކޮވިޑް-19އާ ގުޅިގެން ދިމާވި ދަތިތަކާ އެކު ވެސް އެކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރިކަން ޝިއުނާ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން