އޭސީސީން މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެނީ
އޭސީސީން މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެނީ
އެންޓި ކަރޮޕްޝަން ކޮމިޝަނުން ތަހުގީގްކުރާ ހުރިހާ މައްސަލައެއްގެ ތަފުސީލް ޕީޖީއަށް ދިނުމަށް އިންކާރުކޮށް އެކަން ކުރެވެން ނެތްކަމަށް އޭސީސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ އޭސީސީން ތަހުގީގްކުރާ ހުރިހާ މައްސަލަތަކުގެ ތަފްސީލު ދެވެން ނެތްވާހަކަ ޕީޖީއަށް ދަންނަވާފައިވާނެކަމަށެވެ. އެއީ އެއްގޮތަކަށްވެސް މައުލޫމާތު ހާމަނުކުރަން ނޫނީ ވަކި ކަމެެއް ފޮރުވަން ކުރާ ކަމެއްނޫންކަމަށާއި އެއީ މައްސަލައިގެ ބާވަތުން ހިއްސާކުރެވެން ނެތް މައުލޫމާތުތައް ދެވެން ނެތީމާ ކަމަށް ދަންނަވާފައިވާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.

"އޭސީސީން ތަހުގީގު ކުރާ ހުރިހާ މައްސަލައެއްގެ ތަފްސީލް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ ހިއްސާ ކުރަން ދަތި. ނަމަވެސް ތަހުގީގު ކުރާ މައްސަލަތަކުގެ ލިސްޓެއް ޕީޖީއާ ހިއްސާ ކުރަން އަޅުގަނޑުމެން ވާނީ ނިންމާފަ." އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ މިއަދު ވިދާޅުވިއެވެ.

އޭސީސީގެ ރައީސާ ޝިއުނާ ވިދާޅުވީ ޕީޖީން އޭސީސީ އަށް ސިޓީ ފޮނުވީ އެންޓި ކޮރަޕްޝަން ނިޒާމުގައި ހުރި އުނިކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ހިންގަން އުޅޭ ހާއްސަ ޕްރޮޖެކްޓަކަށް މައުލޫމާތު ހޯދަން ކަމަށެވެ. އެ ޕްރޮޖެކްޓްގެ މަގުސަދަކީ މި އަހަރު ނިމެންވާއިރަށް ދައުވާ ކުރަން ފޮނުވޭނީ ކޮން މައްސަލަތަކެއްތޯ ކަނޑައެޅުން ކަމަށް ޝިއުނާ ވިދާޅުވި އެވެ. އަދި ޕީޖީން ފޮނުވި ސިޓީގައި ވަރަށް ސްޕެސިފިކްކޮށް ބަލަމުންދާ މައްސަލަތަކުގެ ތަފްސީލާއި ތުހުމަތު ކުރެވޭ މީހުންގެ މަައުލޫމާތު ހިމެނޭހެން މައުލޫމާތު ހޯދުމަށް އެދިފައިވާކަމަށް ޝިއުނާ ވިދާޅުވިއެވެ.

މިހާތަފްސީލް ގޮތަކަށް ޕީޖީ މިފަދަ މައުލޫމާތުތަކެެއް ހޯދުމަށް ދެންނެވުމަކީ ޤާނޫނީ ގޮތުންވެސް ކުރެވޭނެ ކަމެއްނޫންކަމަށް ނުސީދާ ގޮތަކަށް އޭސީސީގެ ރައީސާވަނީ ވިދާޅުވެފައެވެ. އަދި ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައި ނިންމާފައިވަނީ ޕީޖީންވެސް ބޭނުންވާގޮތަށް ދެވެން ހުރި މަައުލޫމާތުތައް ހިއްސާކުރުމަށް ކަމަށް އޭސީސީގެ ރައީސާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ސަރުކާރުގެ އެއް އިދާރާއިން އަނެެއް އިދާރައަށް ބޭނުންވާ މައުލޫމާތު ނުލިބުމާއި، ނުދިނުމާއި އަދި މިނިވަން މުއައްސަސާތަކުންވެސް މިފަދަ މައުލޫމާތު އެއް އިދާރާއިން އަނެއް އިދާރާއަށް ހިއްސާ ނުކޮށް ނޫނީ ހިއްސާ ނުކުރެވޭފަދަ މައުލޫމާތުތައް ހޯދަން އެދި ހުށައަޅަމުންދާތީ ބޮޑު ޚިޔާލުތަފާތުވުމަކަށް ވަނީ ގޮސްފައެވެ. އެގޮތުން މިއަދު މަޖިލީހުގައިވެސް ވަނީ ފިނޭންސް މިނިސްޓްރީން މަޖިލީހާއި ހިއްސާކުރަންޖެހޭ މައުލޫމާތު ހިއްސާ ނުކުރާކަމަށް ބުނެ އެކަމުގައި ވެސް ބަހުސް ކޮށްފައެވެ.

އޭސީސީން ބަލަމުންދާ ބައެއް މައްސަލަތަކުގެ މައުލޫމާތު ޕީޖީ ޝަމީމާ ހިއްސާ ނުކުރަން އޭސީސީން ނިންމިއިރު އެކޮމިޝަނުން މިހާރު އެންމެ އިސްކަމެއް ދީގެން ބަލަމުން ގެންދާ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ޕީޖީ ޝަމީމުގެ މަސްލަހަތު ފުށުއަރާ ބައެއްކަންކަން ހުރިކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. އަދި މިމައްސަލައިގައި ޕީޖީ ޝަމީމުގެ މަސްލަހަތު ހިމެނޭކަން ހާމަވާ ހެކި ތަކަކާއެކު ބާ ކައުންސިލަށް އަމިއްލަ ފަރާތަކުން މައްސަލައެއް ހުށައަޅާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން