މިހާތަނަށް 63 ރިސޯޓެއް ފަތުރުވެރިކަމުގެ ޚިދުމަތަށް ނުނެރެވި އެބަހުރިކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑީއާގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ ތަފާސް ހިސާބަށް ބަލާއިރު 63 ރިސޯޓެއް އެވޯޑް ކުރެވި މިހާތަނަށް ޚިދުމަތަށް ނުނެރެވި ހުރިކަމަށެވެ. އެހެންކަމުން އެރަށްތައް ފަތުރުވެރިކަމަށް އަވަހަށް ނެރުމަށްޓަކައި ގޮތްތަކެއް ނިންމާފައިވާކަމަށް ވަޒީރު ވަނީ އެ ޕްރޮގްރާމްގައި ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ޚިދުމަތަށް ނެރެވިފައިނުވާ ރަށްތަކުގެ ތެރޭގައި އެވޯޑް ކުރި ފަހުން 30 އަހަރުވެފައިވާ ރަށްތަށްވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެރަށްތައް ފަތުރުވެރިކަމަށް އަވަހަށް ނެރުމަށްޓަކައި އިކޮނޮމިކް ކައުންސިލުން 2 ގޮތެއް ފާސްކޮށްފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަގޮތަކީ އެއްވެސް ވަރަކަށް މަސައްކަތް ފަށާފައިނުވާ ރަށްތައް އެއްވެސް ޝަރުތަކާނުލާ ދައުލަތަށް އެރަށް ދޫކޮށްލުން ކަމަށާއި، އޭރުން ރަށް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ލުއިގޮތްތަކެއް ހަމަޖައްސާދޭނެކަމަށެވެ.

ދެވަނަގޮތަކީ ކޮންމެވެސް މިންވަރަކަށް މަސައްކަތް ފަށާފައިވާ ރަށްތަކަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމުގައި އެހީތެރިވުމާއި، އެހެން ފަރާތަކަށް އެއިންވެސްޓުމަންޓު ވިއްކުމަށްވެސް އެހީތެރިވެދިނުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރު ފައިސަލް ވަނީ މިއަހަރު 2600 އެނދު ފަތުރުވެރިކަމުގެ ސިނާޢަތަށް އަލަށް ނެރެވޭނެ ކަމަށް ލަފާ ކުރަށްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން