ކޮވިޑް-19 ފަތުރުވެރިއެއްގެ ސާމްޕަލް ނަގަނީ
ކޮވިޑް-19 ފަތުރުވެރިއެއްގެ ސާމްޕަލް ނަގަނީ
ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށް ނެޝަނަލް ބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ހާމަކޮށްފިއެވެ.

ނެޝަނަލް ބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުގައި، ސިނާއަތުގެ އެންމެހައި މަސްލަހަތުވެރިން ދަނީ ސަލާމަތީ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.

ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ފަހުން، ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލީ "ނިއު ނޯމަލް" އަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވުމަށްފަހުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް، ރާއްޖެއިން ފުރާ ފަތުރުވެރިން ޓެސްޓު ނުކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެންބީއޭއެމް ގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރް ޓެސްޓުހެދުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޝާއިއުކޮށްފައިވާ ސާކިއުލާއާ ގުޅިގެން، ޓޫރިޒަމް މިނިސްޓްރީ، އެޗްޑީސީ، އެޗްޕީއޭ އަދި ފުލުހުން ގުޅިގެން ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށެވެ.

އެހެންކަމުން ސާމްޕަލް ނެގުން އިންތިޒާމް ކުރުމަށް ފަތުރުވެރިންގެ ތަފްސީލުތައް އެންބީއޭއެމް އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު މެދުވެރިކޮށް ހިއްސާކުރަން ޖެހޭނެ ކަމަށް އެންބީއޭއެމް އިން ބުނެ އެވެ.

އަދި ފަތުރުވެރިން ފުރަން ދާއިރު ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު ކުރިން ސާމްޕަލް ނެގުމަށް ސަމާލުކަން ދޭން ވާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ޓޫރިސްޓުން ޓެސްޓް ކުރުމުގައި ދަތިވާތީ، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެކަން ކޮށްދިނުމަށް ނިއްމައިފައިވާކަން ވެސް ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

ބައެއް ރިސޯޓްތަކުގެ ހަރަދުގައި އަމިއްލައަށް ވެސް ކޮވިޑް ޓެސްޓް ފެސިލިޓީ ގާއިމްކޮށްފައިވާއިރު ސޮނޭވާ ރިސޯޓުން ހަރަދުކޮށްގެން ނ. މާފަރު އެއާޕޯޓްގައި ވަނީ ކޮވިޑް ޓެސްޓް ލެބެއް ގާއިމްކޮށްފަ އެވެ.

މިދިޔަ މަހުގެ 15 އިން ފެށިގެން އެ މަހުގެ ނިޔަލަށް 1،769 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން