އޭސީސީން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރުމާއި ހަމައިގައި 70 މައްސަލަ އެބައޮތްކަމަށާއި، އޭގެ ތެރެއިން 35 މައްސަލައެއްގައި މިއަހަރު ނިމުމުގެ ކުރިން ދައުވާ ކުރެވޭ ވަރުވާނެކަމަށް އޭސީސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މަގާމާ ހަލާވުވެވަޑައިގެންނެވި ފަހުން އޭސީސީން މިހާތަނަށް 1،201 ޝަކުވާއެއް ވަނީ ބަލައި ނިންމައިފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 392 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

އޭސީސީން ބަލަމުންދާ މައްސަލަތައް ލަސްވެ މައްސަލަތައް މަޑު ޖެހިފައިވާ ސަބަބު އޮޅުން ފިލުވުމަށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ މައްސަލަތައް ބެލުމުގައި ދިމާވި އެންމެބޮޑު ގޮންޖެހުމަކީ ކޯވިޑް-19 އާއި ގުޅިގެން އޮފީހަށްނުދެވި ގޭގައި މަސައްކަތް ކުރަން ޖެހުމެވެ. މައްސަލަތަކުގެ ބާވަތުގެ ގޮތުން ސީދާ މީހާއާއި ދިމާވެ ބައްދަލުވެގެން ބެލޭނެ މައްސަލަތަކާއި އަދި ވަކި ތަންތަނަށް ގޮސްގެން ބަލަންޖެހޭ މައްސަލަތައް ގިނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރު ހުރި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަތަކަކީ އަތޮޅު ތެރެއަށްވެސް ގޮސްގެން ބަލަންޖެހޭ މައްސަލަތަކަށްވުމުން ދަތުރުފަތުރު ނުކުރެވޭތީވެސް މައްސަަތައް ކުރިއަށް ގެންދިއުމުގައި ހުރަސް އެޅިފައިވާކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، މިހާތަނަށް ނުނިމި 832 މައްސަލަ އޮތްއިރު އޭގެ ތެރެއިން 152 މައްސަލައަކީ އެކި އަތޮޅުތަކަށް ދަތުރުކޮށްގެން ނިންމޭނެ މައްސަލަތަކެވެ. ލޮކްޑައުން އާއި ބަޖެޓުން ހަތް މިލިއަން ރުފިޔާ އުނިކުރުމުގެ ސަބަބުން އެ ތަހުގީގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އޭސީސީން ބަލާ ގިނަ މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި ދައުވާ ކުރުމަށް ފޮނުވޭނީ ކޮން މައްސަލަތަކެއް ކަމެއް ޝިއުނާ ވިދާޅެއް ނުވެއެވެ. ނަމަވެސް އޭސީސީން ދަނީ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ފާހަގަވެފައިވާ އެމްއެމްޕީއާރުސީގެ މައްސަލައާއި، މިނިވަން 50 ގެ މައްސަލައާއި، ތެލުގެ ވަގުވިޔަފާރީގެ މައްސަލަވެސް ބަލަމުންނެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާފައިވާ އެންމެބޮޑު ޚިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ތަޙުޤީކޮށްނިންމޭނެ ސީދާ ތާރީޚެއް ވިދާޅުވާން ތަދިކަމަށާ އެކަމަށް އެންމެ މަދުވެގެންވެސް އަހަރަކަށްވުރެ ގިނަދުވަސް ނަގާފާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދެއްވި މައުލޫމާތުގައި އޭސީސީންވަނީ އެކޮމިޝަނަށް ހުށައަޅައި ނުނިމި ހަތަރު އަހަރަށްވުރެ ގިނަދުވަސްވީ މައްސަލަތައްވެސް ހުރިކަން ފާހަގަކުރައްވައި އެމައްސަލަތައް ވީއެންމެ އަވަހަކަށް ނިންމުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ފާހަގަ ކުރެއްވިއެވެ.

ބައެއް މައްސަލަތަކަކީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މައްސަލަތަކަކަށްވުމުން ޓީމުތަކަކަށް ބަހާލައިގެން އިންވެސްޓިގޭޓަރުންގެ މަސައްކަތް ބަހާލާފައިވާއިރު ހުރިހާ މައްސަލަތައް ބެލުމަށް މުޅި ކޮމިޝަނުގައި ތިބީ ޖުމުލަ 45 އިންވެސްޓިގޭޝަން އޮފިޝަރުން ކަމުގައި ވުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން އެކޮމިޝަނުން ފާހަގަކުރިއެވެ.

މީގެ އިތުރުން ކޮމިޝަނުން ތަހުޤީގު ނިންމާ މަސައްކަތްތައް ހަލުއިކުރުމާއި ދިމާވާ ތަފާތު މައްސަލަތައް ދުރާލާ ހައްލުކުރުމަށް ޕްރެސިކިއުޓަރ ޖެނަރަލްގެ އޮފީހާއި ބަންޑާރަ ނާއިބުގެ އޮފީހާއި ގުޅިގެންވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭސީސީން ވަނީ މައުލޫމާތުދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން