މިހާ ނިކަމެތިކޮށް މަސްވެރިންނާމެދު ކަންކަން ކުރި ސަރުކާރެއް ރާއްޖެ ނުދެކޭ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އައްޑޫ މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާއާ ގުޅިގެން ރާއްޖޭގެ މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ނާޒިލް ވިދާޅުވީ މަސްވެރިންގެ މުޒާހަރާ ކުރިއަށް ދިޔަ ނަމަވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާގެ ޚަބަރެއް ނުވާ ކަމަށާއި މަސްވެރިންގެ އަޑު އަހާނެ މީހެއް މި ސަރުކާރުގައި ނެތް ކަމަށެވެ.

މި ބަސްދީގަތުމުގައި ނާޒިލް ވަނީ މިހާ ނިކަމެތިކޮށް މަސްވެރިންނާއި މެދު ކަންކަން ކުރި ސަރުކާރެއް ރާއްޖޭގައި ދެކެފައި ނުވާނެ ކަމަށް ވިދާޅުވެ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި 90 ވަރަކަށް ދުވަސް ހޭދަވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން އައްޑޫގެ 150 މަސްވެރިން އިޙްތިޖާޖު ކުރަމުން ދާއިރު ސަރުކާރުން ޤަބޫލުކުރަނީ މަސްވެރިންނަކީ ރާއްޖޭގެ އާބާދީގެ ވަރަށް މަދު ބައެއް ކަމަށާއި މަސްވެރިންނަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން ސަރުކާރުގެ ޢަމަލުތަކުން ސާފުކޮށް އެނގޭ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

“މިހާ ދެރަކޮށް މަސްވެރިންނާއި މެދު ޢަމަލުކުރި ސަރުކާރެއް ނާދޭ. ސޯޝަލް މީޑިއާ އިންވެސް މިހާރުގެ ވަޒީރުގެ ވާހަކަ އަޑު އިވޭނެ. އޭރު ވިދާޅުވީ ދެތިން ހަފްތާގެ ވާހަކަ. މިހާރު މި ދައްކަނީ 3 މަސް ދުވަހުގެ ވާހަކަ. ބޮޑު ތަނުން ތަފާތު.” ނާޒިލް ވިދާޅުވިއެވެ.

ނާޒިލް މިހެން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީގެ މަސްވެރިން ދަނީ ހުކުރު މެންދުރުން ފެށިގެން މިފްކޯއިން ދޭންޖެހޭ ފައިސާ ނުދީގެން މުޒާހަރާ ކުރަމުންނެވެ.

އަދި މަސްވެރިކަމާ ބެހޭ ވަޒީރު އައްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކޮށް، މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމާ ހަމައަށް މުޒާހަރާ ކުރިޔަށް ގެންދާނޭ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން