އައްޑޫގައި މިހާރު ކުރަމުންދާ މަސްވެރިންގެ އިޙްތިޖާޖަށް ހުރަސް އެޅުމަށް ނިންމާފައެއް ނުވާނެ ކަމަށް މިފްކޯ އިން ހާމަކޮށްފިއެވެ.

މިފްކޯއިން މިއަދު ބުނީ އައްޑޫ ފިޝަރީޒް ކޮމްލެކްސްގައި މަސްވެރިން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅިގެން މިހާރު އެތަނުގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި މުޒާހަރާގެ ބައިވެރިންވަނީ އެ އިމާރާތުން މުއައްޒަފުން ބޭރުކޮށް އޮޑިވެރިންގެ ބެލުމުގެ ދަށަށް އެތަން ގެންދާނެކަމުގެ އިންޒާރު ދީފައިކަމަށެވެ.

މިފްކޯއިން ބުނީ މަސްވެރިންގެ ޑިމާންޑާއި އެއްގޮތަށް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުރީ ރޭއްސުރެ ކަރަންޓު ކަނޑާލާފައިކަމަށާއި އެގޮތަށް ޢަމަލު ކޮށްފައިވަނީ ތަނުގެ މުދަލަށާއި މުއްޒަފުންނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވޭތީ ކަމަށެވެ.

އޭގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަނަމަވެސް އެކުންފުނިން މަސްވެރިންގެ އިހުތިޖާޖަށް އެއްވެސް ހުރަހެއް އެޅުމަށް ނިންމާފައިނުވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެހެންކަމުން އޭ.އެފް.ސީ އޮޕަރޭޝަނަލް ހާލަތަށް އަންނާނެ ވަގުތެއް ދަންނަވަން ދަތިކަމަށްވެސް މިފްކޯއިން ވަނީ މައުލޫމާތު ދީފައެވެ.

މިފްކޯއިން ބުނީ މި މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިން ވަނީ އޭ.އެފް.ސީގެ ކެންޓީންގެ ކުޑަދޮރުން ވަދެ އެތަނުގައި ހުރި ކާބޯތަކެތީގެ ބޭނުން ކޮށްފައި ކަމަށެވެ.

ހަމައެއާއެކު އޭ.އެފް.ސީގެ މީހުން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކުން ކަރަންޓު ކަނޑާލާފައިވުމުން މުވައްޒަފުން ނިދީ ބޭރުގައި ސަތަރި އަޅައިގެން ކަމަށާއި އެކަމުގެ ސަބަބުން މުއައްޒަފުން ތިބީ ފާހަނާކުރުމާއި ފެންވެރުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދިފައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

“ރޭ ފުލުހުންގެ އެދުމުގެ މަތިން އޭ.އެފް.ސީ އަށް ކަރަންޓް ދިނުމުން މަސްލަހަތު ގެއްލި ތަނާއި މުދަލަށާއި، ތަނުގެ މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެފަދަ ހާލަތަކަށް ކަންކަން ހިނގައިދާނެކަމަށް ކުންފުންޏަށް ގަބޫލުކުރެވުމުން ކަރަންޓް ފަހުން ޖެހުނީ ކަނޑާލަން. މަސްވެރިންގެ ޑިމާންޑަކީ އެކޮމަޑޭޝަން، އެޑްމިން ބިލްޑިންގ، ކެފެޓޭރިއާ ޕަވަރ އޮފް ކޮށްފަ ބެހެއްޓުން. މީގެ އިތުރުން މަސްވެރިންގެ ޑިމާންޑަކީ ޕެންޑިންގ ޕެއިންމެންޓް ވީ އެންމެ އަވަސް މުއްދަތެއްގެތެރޭގައި ދެއްކުން.” މިފްކޯއިން ބުނެފައި ވެއެވެ.

މިިފްކޯއިންވަނީ މަސްވެރިން ކުރިއަށް ގެންދާ ހަރަކާތް ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ކުންފުންނަށް ލިބޭ ގެއްލުމަކީ މުޅި މަސްވެރިކަމުގެ ސިނާއަތަށްވެސް ލިބޭ ގެއްލުމެއް ކަމަށާއި މުއައްޒަފުންގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަަ ފަދަ އަމަލުތައް ނުހިންގުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

އައްޑޫ މަސްވެރިން ހުކުރު ދުވަހު އިޙްތިޖާޖް ކުރަން ފެށީ މަސްވެރިންނަށް ދޭންހުރި ފައިސާ މިފްކޯއިން ބަރާބަރަށް ދެމުން ނުދާކަމަށް ބުނެއެވެ. އެހެންނަމަވެސް މިފްކޯއިން ބުނީ، އީދު ބަންދަށް 46 މިލިއަން ރުފިޔާ ދޫކޮށް، ހުޅުވޭ ހަފުތާގައި ޕެންޑިންގ ޕޭމަންޓް ކްލިއަ ކުުރުމާމެދު ހެދޭނެ ގޮތެއް ބަލައި، ސަރުކާރާއެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަމަށެވެ.

އެގޮތުން އޮޑިވެރިންނަށް މިހާތަނަށް ނުދެއްކިވާ ފައިސާ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން