ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދިނުމަށް ދެއްކޭނެ އިތުރު ބަހަނާއެއް ނެތްކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީ ދޮށަށް އައްޑޫ މަސްވެރީން އެއްވެ ކުރަމުންދާ އިހުތިޖާޖުގައި މަސްފެކްޓްރީގެ އޮޕަރޭޝަން ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ.

މަސްވެރިންގެ އިޙްތިޖާޖާއި ގުޅިގެން ޝާހިދު ވިދާޅުވީ ބައެއްގެ އަތުން އެއްޗެއް ގަނެފިއްޔާ އެ އެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބެއް ކަމަށެވެ. އަދި އެއީ ބައެއްގެ ދީލަތިކަމުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

“މަސްވެރިން އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ، އެއީ ގޯހެއް. އޭގައި ދެއްކޭނެ ބަހަނާއެއް ނެތް.” ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު ވަނީ އައްޑޫ މަސްވެރިންނާއި އެހެނިހެން މަސްވެރިން އަތުން ގަނެފައިވާ މަހަށް ނުދައްކާ ހުރި ފައިސާ ވީ އެންމެ އަވަހަކަށް ދައްކާ ހަލާސްކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އައްޑޫ މަސްވެރިންގެ އިޙްތިޖާޖުގައި ގޮވާލަމުންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.

އަދި މަސްވެރިކަމާ ބެހޭ ވަޒީރު އައްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކޮށް، މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމާ ހަމައަށް މުޒާހަރާ ކުރިޔަށް ގެންދާނޭ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މި ސަރުކާރުން ވެރިކަމަށް އައީ 48 ގަޑީއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެކަމަށް ވަޢުދުވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން