ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ( ރީކޯ މޫސަ )
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ( ރީކޯ މޫސަ )
ދައުލަތުގެ ދަރަނީގެ ތަފުސީލަކީ ޕާޓީތަކުގެ ވެރިން އަރައިރުންވެގެން ހޯދަންޖެހޭ މައުލޫމާތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ( ރީކޯ މޫސަ ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އެކަމާ ގުޅިގެން މުޅި މަޖިލީހުގެ ކޮމެޓީއަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި މިހާރުގެ މިނިސްޓަރު އަމީރާއި ކުރީގެ މިނިސްޓަރު އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވަނީ ހާޒިރުކޮށްފަ އެވެ.

ޖިހާދާއި މުނައްވަރު ހާޒިރުކުރައްވައިގެން މަޖިލިހުގެ ބައެއް މެންބަރުންވަނީ އެބޭފުޅުން ދިވެހި ދައުލަތް ޗައިނާގެ ދަރަނި ދަންތުރައެއްގައި ޖައްސާފައިވާ ކަމުގައި ތުހުމަތުކުރައްވާފައެވެ.

މިމައްސަލައިލައިގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ގާނޫނީ ގޮތުން ސަރުކާރެއް ބަދަލުވާއިރު ކުރީގެ ސަރުކާރުން ކަންކޮށްފައިވާ ގޮތުގެ މައުލޫމާތު ދެނެގަނެވޭނެ ގާނޫނީ ނިޒާމެއް އޮންނަ ކަމަށެވެ. އަދި ވެރިކަމާއި ހަވާލުވާ ބަޔަކު ދައުލަތުގެ ދަރަނީގެ ތަފްސީލް ސާފު ކުރަންޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ޕާޓީތަކުގެ ވެރިންގެ އަރައިރުން ފެށިގެން ހޯދަންޖެހޭ މައުލޫމާތެއް ނޫން އެއީ." ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަ ވިދާޅުވިއެވެ.

އިސްލާހީ ހަރަކާތުގައި އިސްރޯލެއް އަދާކުރައްވައި އެމްޑީޕީ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ރީކޯ މޫސަ ވަނީ ވެގެން އުޅޭގޮތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ދަރަނީގެ މައްސަލައިގައި އޮޅުން ނުފިލާ އޮންނާނީ ކޮންއެއްޗެއްތޯ ސުވާލުކުރައްވާފައެވެ.

"ފަހުގެ ސަރުކާރު ބަދަލުވެގެންދިޔައިރު މަޖިލީހުގެ ރައީސަކީ މިހާރުގެ ސަރުކާރުގެ ހިއްސާދާރެއް. އާ މަޖިލީހާއެކު މިހާރުގެ ރައީސަކީ ސަރުކާރުގެ ބޮޑު ހިއްސާ ދާރެއް މާލީ ވަޒީރަކީ ހަމަ އެޕާޓީގެ ބޭފުޅެއް. ދެން ކޮން އެއްޗެއްތޯ މިހާތަނަށް އޮޅުން ނުފިލާ އޮންނަންވީ. ވެގެން އުޅޭގޮތް އެނގޭ." ލ. ޢަތޮޅު މެމްބަރު ކަންވެސް ކުރެއްވި ރީކޯ މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވިއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަކީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ މަޖިލީހުގެ ރައީސް އަމަލުކުރައްވާ ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަން ހާމަކުރައްވާފައެވެ.

"އަޅުގަނޑަކީ ވެސް އެމްޑީޕީގެ މެމްބަރެއް މިކަން މިއަށް ވުރެ "ރީއްޗަށް" ވެސް ކުރެވޭނެ." މިނިސްޓަރު އަމީރު މަޖިލީހުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވަނީ ފިނޭންސް މިނިސްޓްރީއާ މެދު މަޖިލީހުން ތުހުމަތުތަކެއް ކުރާ ނަމަ ރާއްޖެއާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ގެއްލިދާނެ ކަން ފާހަގަކުރައްވައި އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އިއްޔެ މި އޮތީ ނެގެޓިވް ހެޑްލައިން އަޅުގަނޑުމެން [ފިނޭންސުން] ޑެޓް މެނޭޖް ނުކުރާ ވާހަކަ އާއި ރާއްޖޭގެ ދަރަންޏާ މެދުވެސް ސުވާލު އުފެދޭ ވާހަކަ. މި ހިސާބުން އެބަ އައިއެމްއެފް، ވޯލްޑް ބޭންކު ތަންތަނުން އެބަ ސުވާލު ކުރޭ މިކަންކަމާ އަޅުގަނޑުމެންނާ. އެބޭފުޅުން ޝައްކު އުފައްދަން އެބަ މެދުވެރިވޭ އަޅުގަނޑުމެންނާ ދޭތެރޭގައި. މީގެން މައްސަލަތައް އަންނާނެ." ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


10

ސައުދުﷲ

12-Aug-2020

އަރައިރުން ވެގެން ހޯދަން މިޖެހުނީ އަރައިރުން ނުވެ އަހަރު ތަކެއް ފާއިތުވެ ބިރުހީވުމުން.!



ޓްރެންޑިން