މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް
މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް
ރައްްޔިތުންގެ މަޖިލީހުން ބޭނުންވި ބައެއް ލޯނުތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓަރ މަޖިލީހަށް ނުދެއްވާކަމަށްބުނެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަތަކަށް އިއްޔެގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރ ސާބިތުކަމާއެކު ހާމަކޮށްދެއްވާފައިވާކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ދައުލަތުން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ނުދެއްވާކަމަށް ވިދާޅުވެ މިނިސްޓަރ އިއްޔެ މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ ރައީސް ކުރެއްވި މަސައްކަތަށް ނުސީދާ ގޮތެއްގައި ވަރަށްބޮޑަށް ފާޑުވިދާޅުވެ ރޮޒޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓަރ ހާމަކޮށްދެއްވި ކަންތައްތަކުން މަޖިލީހަށް ފޮނުވަންޖެހޭ އެއްވެސް މައުލޫމާތެއް ނުދީ ނުވާކަން ހާމަވެފައިވާކަމަށެވެ.

"މަޖިލީހަށް ފޮނުވަންޖެހޭ އެއްވެސް މައުލޫމާތެއް މަޖިލީހަށް ނުފޮނުއްވާ ނޯންނާނެކަން ޝައްކެއް ނެތް މިންވަރަށް ފިނޭންސް މިނިސްޓަރ ވަނީ ސާބިތުކޮށްދެއްވާފަ." ރޮޒޭނާ ވިދާޅުވިއެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނެތްކަމަށް ވިދާޅުވި ލޯނުތަކުގެ މައުލޫމާތު މަޖިލީހަށް ފޮނުވި ތާރީހާއި، އެލިޔުންތަކާއި މަޖިލީހުން ހަވާލުވި ސްޓާފުގެ ނަންވެސް ތަޅުމުގައި ވިދާޅުވެ ދެއްވާފައެވެ. ނަމަވެސް އެވަރަށް ވިދާޅުވުމުންވެސް އެ ލިޔެކިޔުން މަޖިލީހުގައި ހުރިކަމަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއްބަސްވެ ވަޑައެއް ނުގެންވިއެވެ. އަދި މިނިސްޓަރު އެ ވާހަކަ ދެއްކެވުމަށް ހުރަސް އަޅުއްވައި ވާހަކަ ދެއްކެވިޔަ ނުދީ ހުއްޓުވާފައިވާކަން ފާހަގަ ކުރެވެއެވެ.

ރޮޒޭނާ އަކީ މަޖިލީހުގައި ރައީސް ދައްކަވާ ފާހަކައާއި ރައީސްގެ ޚިޔާލުފުޅާ ދެބަސްވެ ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރައްވަމުން ގެންދަވާ މެމްބަރެކެވެ. މަޖިލީހުގައި ހިނގައިދިޔަ ކަންތަކަށްފަހު ރޮޒޭނާ ވިދާޅުވީ މިނިސްޓަރ އަމީރު އިއްޔެ އެމަނިކުފާނުގެ މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް އަދާ ކުރައްވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސާބިތުކަމާއިއެކު ކުރިއަށް ވަޑައި ގެންނެވުމަށް ޒޮރޭނާ ވަނީ ހިތްވަރު ދެއްވާފައެވެ.

"ފިނޭންސް މިނިސްޓަރގެ މަސްއޫލިއްޔަތު ޒިންމާދާރު ކަމާއިއެކު އަދާކުރައްވަމުން ގެންދަވާ ކަމަށްޓަަކައި މިނިސްޓަރ އަމީރަށް މަރުހަބާ ދަންނަވަން. ސާބިތުކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށްޓަކައި ތިގޮތަށް ޒިންމާ އަދާކުރައްވަމުން ގެންދަވާ." ރޮޒޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން