ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ފެތެރެމުންދާ ކޯވިޑް-19 ރޯގާ އަކީ އަތޮޅު ތަކުގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ހާޒިރުކޮށް ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިނިސްޓަރާއި ކުރެއްވި ސުވާލަކާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ސިއްހީ ދާއިރާއަށް ފައިސާ ޚަރަދުކުރުމަށް މަޖިލީހުން ހުރަސް ނާޅާނެ ކަމަށެވެ. ޚަރަދުތައް ކުޑަކޮށްގެން ވެސް ސިއްހީ ދާއިރާ އަށް ކުރަންޖެހޭ ޚަރަދުތައް އިތުރުކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ މެމްބަރުން ދެކިވަޑައިގަންނަވާ ކޮވިޑް ރޯގާ އަކީ ރަށްރަށުގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި. މާލޭ ސަރަހައްދުގައި އެކަނި ނުވަތަ ބައެއް ތަންތަނުގައި އެކަނި ޚިދުމަތްތައް ކޮންމެވެސް މިންވަރަކަށް ދެވިފައި އެހެން ތަންތަނާއި ގުޅުން ކުޑަވެފައި މިބާވަތުގެ ކަންކަން އިލްޔާސް ލަބީބް އެ ފާހަގަކުރައްވަނީ، ދެ އަހަރުވެގެން ދާއިރު މިނޫން ގޮތަކަށް މިކަން ފެންނަންޖެހޭ ކަމަށް އިއްޒަތްތެރި މެމްބަރު ދެކިވަޑައިގަންނަވަނީ." މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލު ސާފް ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އަތޮޅުތަކުގެ 7 ސަރަޙައްދެއްގައި ކޯވިޑް ފެސިލިޓީގެ މަސައްކަތް ވަނީ ނިންމާ ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިފެސިލިޓީ ތަކުގެ ތެރެއިން އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ހއ.އިހަވަންދޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައި މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

ހއ. އިހަންވަންދޫގައި ވަނީ ކޯވިޑް ފެސިލިޓީ ޤާއިމްކޮށް ނިމިފައެވެ. މިފެސިލިޓީއަކީ ހއ، ހދ އަތޮޅުގެ ރައްޔިތުންނަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ ފެސިލިޓީތަކެވެ. ހަމައެއާއެކު ށ. ފޮނަދޫގައިވެސް ވަނީ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކޮށްފައެވެ. ނ،ރ،ބ،ޅ، މި އަތޮޅު ތަކުގައި ހިމެނޭ ރައްޔިތުންނަށް ޚާއްޞަކޮށް ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ތަރައްޤީކޮށްފައި ވަނީ ބ. އަތޮޅު އޭދަފުށީގައެވެ.

މީގެއިތުރުން މ،ފ،ދ،ތ އަދި ލ އަތޮޅުގެ ރައްޔިތުންނަށް ފަރުވާ ދިނުމަށް ޚާއްޞަކޮށް ލ.ގަމުގައި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީއެއްވެސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. ގއ، ގދ ޒޯނުގެ ކޮވިޑް ފެސިލިޓީ ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައިވެސް ކޯވިޑް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކޮށްފައިވާއިރު ދެކުނުގައި ކޯވިޑްގެ މައި ފެސލިޓީއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. މި ތަންތަނުން ކޮވިޑް ޓެސްޓް ހެދުމާއި، ބަލީގައި ޙާލުބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައް ޤާއިމުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން