މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލަކުގައި އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން މިރޭ ވިދާޅުވީ ފުވައްމުލައް ސިޓީއަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި "ވެށި ރައްކާ" ގެ ނަމުގައި އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

 

މެއި 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުން ކަމަށް އެ ފުލުހުން ހާމަކުރެއެވެ.

 

ފުވައްމުލަކުގައި ހިންގާ މި އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

 

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފުވައްމުލައް ސިޓީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން