މާޝާ މިދުހަތު   12 އޯގަސްޓު 2020 - 17:30
ޅ. ނައިފަރު
ޅ. ނައިފަރު
ޅ.ނައިފަރު މޮނިޓަރިން ހާލަތަށް ގެންގޮސް އެ ރަށަށް އަރާ ފޭބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މަނާކޮށްފިއެވެ.

އެޕްޗީއޭ އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެންގޮސްފައިވާކަން އަންގާފައެވެ. އަދި މިހާލަތަށް ގެންގޮސްފައިވަނީ ކޯވިޑު-19 އާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމުގައި ވެސް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އެރަށުގައި ތިބި އެއްވެސް މީހަކު ރަށުން ފޭބުމާއި ރަށުން ބޭރުން ބަޔަކު ރަށަށް އެރުންވެސް މަނާ ކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.

ނައިފަރު މޮނިޓަރިންއަށް ލާފައި މިވަނީ އެރަށާއި، މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. ނައިފަރު "މެގަ އާރު" ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިއެއްގެ ފަރާތުން ކޯވިޑް-19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެމީހާ ހޯމް އައިސޮލޭޝަންގައި ބަހައްޓާ ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް ނައިފަރު ކައުންސިލުން ވަނީ ބުނެފައެވެ. މިކަން އެޗްޕީއޭއިން ވެސް ވަނީ ޔަޤީންކޮށްދީފައެވެ.

މީގެކުރިންވެސް މާލެއާއި ބައެއް ރަށްރަށާ ދެމެދު ދަތުރުކުރާ ބޯޓުފަހަރުގެ ފަޅުވެރިން ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން ކެލާ ބޯޓެއްގެ ކެޕްޓަނާއި، އިހަވަންދޫ ދެ ބޯޓެއްގެ ފަޅުވެރިންނާއި، ފިއްލަދޫ ބޯޓެއްގެ ފަޅުވެރިންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މާލެއަށް ދަތުރުކުރާ ބޯޓުތަކުގެ ފަޅުވެރިންވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން