ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މާސްކް އެޅުން މަޖުބޫރު ކުރީ ރާއްޖެ އަލުން ފުރަބަންދަކަށް ގޮސް ރާއްޖޭގެ ބޯޑަރު ބަންދުކުރަން ބޭނުންނުވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ހިލޭ މާސްކް ފޯރުކޮށްނުދީ މާސްކް އެޅުން މަޖުބޫރުކުރީ ކީއްވެތޯ މިނިސްޓަރ އަރިހުން ސުވާލުކުރައްވާފަ އެވެ. އެ ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ތަޖުރިބާ ކުރަން ޖެހިފައި ވަނީ ފަސޭހަ ތަޖުރިބާއެއް ނޫން ކަމަށެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އާންމު ދިރިއުޅުމުގައި ކުރިމަތިވެފައި ވަނީ އުނދަގޫ ގޮންޖެހުންތަކެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"މާސްކް އެޅުން މަޖުބޫރު ކުރީ އަޅުގަނޑުމެން އިތުރު ލޮކްޑައުންއަކަށް ދާން ބޭނުން ނުވާތީ. ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދު ކުރަން ބޭނުން ނުވާތީ. އަދި ރާއްޖޭގެ އެހެން ރަށްރަށަށް އެއް ފަހަރާ ބަލި ފެތުރެން ބޭނުން ނުވާތީ." އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މާސްކް ނާޅާނަމަ ޖޫރިމަނާކުރާ ހިސާބަށް ދިޔައީ މާސްކް ނާޅާއި ހުންނަ މީހާ މާސްކް ނޭޅުމުގެ ސަބަބުން އޭނާގެ ސިއްހަތުގެ އިތުރުން އެހެން މީހުންގެ ސިއްހަތަށް ވެސް އޭގެ ނުރަނގަޅު އަސަރުކުރާތީ ކަމަށެވެ.

"މާސްކް އެޅުމަކީ ދުނިޔޭގެ ހުރިހާ ދިރާސާތަކާއި ހުރިހާ ފަންނީ ބޭފުޅުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި މި ފެތުރުން ލަސް ކުރުމަށާއި ބަލިން ސަލާމަތް ކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު." އަމީން ވިދާޅުވިއެވެ.

މާސްކް އެޅުން މަޖުބޫރު ކުރީ ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ. ކޯވިޑް-19 ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތައް ބިނާވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ދުނިޔޭގެ އެކި ގައުމުތަކުން ފިޔަވަޅުތައް އެޅުމުގައި ދޭ އިރުޝާދުތަކަށް ކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ބިނާވަނީ ރާއްޖޭގައި ކޯވިޑް-19 ނުކަތާ ވަރަށް ފެތުރިގެން ނުގޮސް ކުރިއަށް ދެވޭނެ މަގެއް ހޯދުމާއި، ރައްޔިތުންގެ ފުރާނަ ސަލާމާތް ކުރުމާއި، ގިނަ ބަޔަކު "ބީވެގެން" ނުދިއުމަށް ކަމަށް އަމީން ވިދާޅުވިއެވެ.

މާލެއިން ކޮވިޑަށް ފުރަތަމަ މީހަކު ޕޮޒިޓިވްވުމާއެކު މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ކޮންޓްރޯލްކުރެވި މެއި މަހުގެ ފަހުކޮޅު ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދޭން ފެށި އެވެ. އެކަމަކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވަނީ ތިން ވަނަ ފިޔަވަހީގެ ލުއިތަކާއެކު ބޮޑެތި ލުއިތަކެއް ދެވުމުންނެވެ.

އެހެންވެ ބަލި ކޮންޓްރޯލްކުރަން މިމަހުގެ އެއް ވަަނަ ދުވަހުން ފެށިގެން މާސްކް އެޅުން މަޖުބޫރުކުރިއިރު ފުރަތަމަ ހަފުތާގައި އެކަނި ވެސް މާސްކް ނާޅައިގެން 278 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5،223 އަށް އަރައިފައެވެ. މި ބަލީގައި 21 މީހަކު ނިޔާވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 2،849 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން