އިސްތަށިގަނޑު ޓްރިމްކުރާތަން
އިސްތަށިގަނޑު ޓްރިމްކުރާތަން
އިސްތަށިގަނޑަކީ އިންސާނާގެ ރީތިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ އެއްބައެވެ. ރީތި، ވަރުގަދަ އިސްތަށިގަނޑެއްގެ ވެރިއަކަށް ވުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. މީހާގެ ރީތިކަން އެންމެ ބޮޑަށް ސިފަވަނީ އޭނާގެ އިސްތަށިގަނޑު ބޯވެފައި ދިގުވުމުންނެވެ.

އިސްތަށިގަނޑު އަވަސް އަވަހަށް ދިގުކުރުމަށް އަޅުގަނޑުމެން އެންމެވެސް ބޭނުންްވެއެވެ. ވަރަށް ގިނަ މީހުން ދެކޭގޮތުގައި އިސްތަށިގަނޑު ޓްރިމް ކުރުމަކީ އެންމެ އަވަހަށް އިސްތަށިގަނޑު ދިގު ކުރެވޭނެ ގޮތެވެ. އިސްތަށިގަނޑު ޓްރިމް ކުރުމަކީ އިސްތަށިގަނޑުގެ ބައްޓަން ބަދަލު ނުވާގޮތަށް އިސްތަށިތަކުގެ ކޮޅުން އިންޗިއެއް ނުވަތަ ދެ އިންޗިހާވަރު ކޮށާލުމެވެ. މިއީ ސެލޫންތަކުގައި މަސަތްކަތްކުރާ މީހުން އެމީހުންގެ ކަސްޓަމަރުންނަށް ޒަމާނުއްސުރެ ދެމުން އައްނަ ލަފާއެކެވެ. ނަމަވެސް ސުވާލު އުފެދޭ ކަމަކީ ޓްރިމް ކުރުމުން ހަޤީޤަތުގައިވެސް އިސްތަށިގަނޑު އަވަހަށް ދިގުވުމަށް މަގުފަހި ވޭތޯއެވެ، ނުވަތަ މިއީ ހަމަ ހީވާހީވުމެއް ހެއްޔެއެވެ. މިކަމުގެ ޙަޤީގަތް ދެނެގަތުމަށްޓަކައި އިސްތަށިގަނޑު ދިގުވުމަށް މެދުވެރިވާ ސަބަބުތަކާއި، އިސްތަށިގަނޑު ޓްރިމް ކުރުމުން އެއިން ލިބޭ ފައިދާތަކާއި، އަދި މިކަމާމެދު ހުރި ކުންހީތަކަށް ބަލާލަންޖެހެއެވެ.



އާންމު ގޮތެއްގައި އިންސާނެއްގެ އިސްތަށިގަނޑު މަހަކު ގާތްގަނޑަކަށް ބައި އިންޗިއެއްހާ ވަރަށް ދިގުވެއެވެ. އަދި އަހަރެއްތެރޭ ގާތްގަނޑަކަށް ހަ އިންޗިއަށް އިންސާނާގެ އިސްތަށިގަނޑު ދިގުވެއެވެ. އިންސާނާގެ އިސްތަށިގަނޑު ދިގުވުމަށް މެދުވެރިވަނީ ބޮލުގެ ހަންތަކުގެ އެންމެ އަޑީ ފަށަލަ (ފޮލިކަލް ލެވެލް)ގައި ސެލްތައް ގިނަވެ ކެރަޓިން ނަމަކަށް ކިޔާ ޕްރޮޓިންއެއް އުފެދުމުންނެވެ. ކެރަޓިންއަކީ އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދޭ މާއްދާއެވެ. މީހާ ބައްޓަން ވެފައިވާ ގޮތާއި، އުމުރާއި، ސިއްޙަތާއި އަދި ކައިބޮއިއުޅޭ ކާނާގެ ސަބަބުން އިސްތަށިގަނޑު ދިގުވާ މިންވަރަށް އަސަރުކުރެއެވެ. މި ހުރިހާ ކަމަކަށް ނަޒަރުހިންގާލުމުން ދޭހަވަނީ އިސްތަށިގަނޑު ޓްރިމްކުރުމަކުން އިސްތަށި ފަޅައި ދިގުވާ މިންވަރު އަވަސްވެގެން ނުދާކަމެވެ.

ޓްރިމް ކުރުމުގެ ސަބަބުން އިސްތަށިގަނޑު ދިގުވާ މިންވަރު އަވަސް ނުވީނަމަވެސް އެއީ އިސްތަށިގަނޑު ވަރުގަދަކޮށް ރީތި ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ޓްރިމް ކުރުމުގެ ސަބަބުން އިސްތަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެއް ވެއެވެ. އަހަރެމެންގެ ބޮލުގެ އިސްތަށިގަނޑަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ވަކިވަރަކަށް ދިގުވުމުން އިސްތަށީގެ ކޮޅުތައް ވަރަށް ފަސޭހައިން ކުރަކިވެގެންދެއެވެ. އަދި އިސްތަށިގަނޑު ކުރަކިވުމުގެ ސަބަބުން ވަރަށް އަވަހަށް އިސްތަށިތައް ހަލާކުވެ އިސްތަށިފޭބުމަށް މެދުވެރިވެއެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑުގެ ދިގުމިން ރީތި މިނެއްގައި ހިފެހެއްޓުމަށް ހުރަސްއެޅެއެވެ. ނަމަވެސް ގަވާއިދުން އިސްތަށިތައް ޓްރިމްކުރާނަމަ އިސްތަށިތަކުގެ ކޮޅުތައް ހަލާކުވުން ހުއްޓުވައި، އިސްތަށި ފޭބުން މަދުވެ އިސްތަށިގަނޑު ވަރުގަދަވެގެންދެއެވެ.

މީގެ އިތުރުން ގަވާއިދުން ޓްރިމް ކުރުމަކީ އިސްތަށިގަނޑުގެ ބައްޓަމާއި ސްޓައިލު ދެމެހެއްޓުމަށް އެހީތެރިވެދޭކަމެކެވެ. އޭގެ ސަބަބުން އިސްތަށިގަނޑު ދިގުވެ ވަރަށް ބޯވެފައިވާ އިސްތަށިގަނޑެއް ކަމަށް ދައްކާނެއެވެ. އެހެންކަމުން ޓްރިމް ކުރުމުން އިސްތަށިގަނޑުގެ ހަލާކުވެފައިވާ ބައިތައް ނައްތާލަދީ އިސްތަށިގަނޑު ވަރުގަދަކޮށްދޭ ކަމީ މިއީ ހަގީގަތެކެވެ.



ޓްރިމް ކުރުމުގެ ސަބަބުން އިސްތަށިގަނޑަށް އެކިކަހަލަ ފައިދާވާކަމަކީ ދެކޮޅުހެދޭނެ ކަމެއްނޫނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ވަރަށް ގިނަ މީހުންނަށް ވަރަށް ބޮޑެތި ކުންހީތަކެއްވެސް ވެފައިވެއެވެ. އެގޮތުނަ ބަލާއިރު ބައެއް މީހުން ދެކޭ ގޮތުގައި އިސްތަށިގަނޑު ޓްރިމްކުރުމުގެ ސަބަބުން އިސްތަށިތަކުގެ ފޮލިކަލްތައް ސްޓިމިއުލޭޓުވެ އިސްތަށިގަނޑު ދިގުވުމަށް މެދުވެރިވެއެވެ. ނަމަވެސް މިކަމަށް ތާއީދުކުރާ އެއްވެސް އިލްމީ ހެއްކެއް އަދި ހޯދިފައެއް ނުވެއެވެ. އިސްތަށިގަނޑު ދިގުވުމަށް މެދުވެރިވަނީ ހަންގަޑުގެ އެންމެ ފުން ފަށަލާގައި ހިނގާ ކަންތައްތަކެއްގެ ސަބަބުން ކަމަށްވާއިރު އިސްތަށިތަކުގެ ކޮޅު ކޮށާލުމަކުން އަދި އިސްތަށިގަނޑު ދިގުވާ މިންވަރަކަށް އަސަރެއް ނުކުރާނެއެވެ.

ބައެއް މީހުން ދެކޭގޮތުގައި ޓްރިމް ކުރުމުގެ ސަބަބުން އަިސްތަށިގަނޑު ބޯވެގެންދެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުންހީއެކެވެ. ޓްރިމް ކުރުމުގެ ސަބަބުން ބަލާ ބެލުމަށް އިސްތަށިގަނޑު ބޯކަމަށް ދެއްކިނަމަވެސް އިސްތަށިގަނޑުގެ އަސްލު ބޯމިނަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި އަނެއްބައި މީހުން ދެކޭ ގޮތުގައި ގިނަގިނައިން ޓްރިމް ކުރުމުން އިސްތަށިގަނޑު އަވަހަށް ދިގުވެއެވެ. ނަމަވެސް ހަޤީގަތުގައި މާ ގިނައިން ޓްރިމް ކުރުމަކީ އިސްތަށިގަނޑު ދިގުވުމަށް ހުރަސް އަޅާކަމެކެވެ.

އިސްތަށިގަނޑު ވަރުގަދަކޮށް އެއްމިނެއްގައި ދެމެހެއްޓުމަށް އަޅުގަނޑުމަންނަށް ވަރަށް ގިނަ ކަންތައް ކުރެވީދާނެއެވެ. އެގޮތުން ގަވާއިދުނަ ޓްރިމްކުރުމާއި، ވިޓަމިންއާއި މިނަރަލްތައް (ހާއްސަކޮށް ބަޔޮޓިން، ޒިންކް، އަދި އަޔަން) އެކުލެވޭ ކާނާ ކެއުމާއި، އިސްތަށިގަނޑަށް ފައިދާހުރި ޝޭމްޕޫއާއި ކޮންޑިޝަނާ ފަދަ ތަކެތި ބޭނުން ކުރުމާއި، ބޮލުގެ ހަންގަނޑު މަސާޖުކުރުންފަދަ ކަންތައްތައް ކުރެވިދާނެއެވެ. ހަމަ އެކަނި ޓްރިމް ކުރުމަށް ބަރޯސާނުވެ، މިދެންނެވުނު ކަންތައްތައް ކޮށް އިސްތަށިގަނޑަށް ފަރުވާ ދިނުމުން އަޅުގަނޑުމެންގެ އިސްތަށިގަނޑު ވަރުގަދަވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން