ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް
ކޯވިޑް 19 އާއި ގުޅިގެން ސަރުކާރަށް ލިބިފައިވާ އަދި ލިބެމުންދާ އެހީތައް ބޭނުންކުރާ ގޮތުގެ ތަފުސީލު ހާމަކުރުމަށް ގޮވައިލާ މައްސަލައެއް ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވަނީ ކޯވިޑް-19އާ ގުޅިގެން ގިނަ އެހީތަކެއް ރާއްޖެއަށް ލިބިފައިވާ ކަމުގައެވެ. އެގޮތުން 24.2 ބިލިއަން ރުފިޔާ އެހީގެ ގޮތުގައި ލިބިފައިވާއިރު، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ވިޔަފާރިތައް ބަނގުރޫޓުވެ، ދަރިންގެ ކިޔެވުން ހުއްޓި އަނބުރާ ރަށަށް ހިޖުރަކުރަން ގިނަ ރައްޔިތުންތަކަކަށް މަޖުބޫރުވެފައިވާ ކަމުގައި މިމައްސަލާފައި ބުނެފައިވެއެވެ. ސަރުކާރަށް ލިބެމުންދާ އެހީއާއި އެއެހީތައް ބޭނުންކުރާ ގޮތުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރަން ގޮވައިލާ މައްސަލައެއް މަޖިލިހަށް ހުށަހެޅުއްވި އެހެން ވެގެން ކަމުގައި ޝިޔާމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޝިޔާމު ހުށައެޅުއްވި މި މައްސަލާގައި މިސަރުކާރަށް މިހާތަނަށް ލިބިފައިވާ ފައިސާގެ އެހީގެ ތަފުސީލުތައް ހިމަނުއްވާފައިވެއެވެ. އެގޮތުން އިންޑިޔާއިން ކަރަންސީ ސުވޮޕުގެ ގޮތުގައި ލިބުނު 2.3 ބިލިއަން ރުފިޔާއާއި، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުން 771 މިލިއަން ރުފިޔާއާއި، ވޯލްޑް ބޭންކުގެ 112 މިލިއަން ރުފިޔާއާއި، ޔޫރަޕިއަން ޔޫނިއަނުން ދިން 54 މިލިއަން ރުފިޔާއާއި، އައިއެމްފުން 445 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އޯޕެކް ފަންޑުން 1 ބިލިއަން ރުފިޔާ އަދި 308 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި، ޔޫރަޕިއަން އިންވެސްޓްމެންޓު ބޭންކުން 818 މިލިއަން ރުފިޔާ އަދި އީޔޫއިން 90 މިލިއަން ރުފިޔާއާއި، އީޔޫ މޯލްޑިވްސް ސެކިއުރިޓީ ކޯޕަރޭޝަނުން 45 މިލިއަން ރުފިޔާއަކާއި، 90 މިލލިއަން ރުފިޔާއެއް ލިބިފައިވާކަން ވެސް ޝިޔާމު ފާހަގަކުރައްވާފައި ވެއެވެ. މީގެއިތުރުން އެމެރިކާއާއި ޔުނިސެފުން 11.5 މިލިއަން ރުފިޔާ ލިބިފައިވާކަންވެސް ފާހަގަކުރައްވާފައި ވެއެވެ.

އޭގެ އިތުރަށް ޗާޕުކޮށްގެން 4.2 ބިލިއަން ރުފިޔާ ސަރުކާރުން ނަގާފައިވާ ކަމަށާއި، އެމެރިކާއިން 30 މިލިއަން ރުފިޔާއާއި، ޖަޕާނުން 8 މިލިއަން ރުފިޔާއާއި، ވޯލްޑު ބޭންކުން 254 މިލިއަން ރުފިޔާއާއި، ކޮވިޑް-19ގައި ހާލުގައި ޖެހޭ ރައްޔިތުންނަށް އެހީވުމަށް ކެނެޑާއިން 1 މިލިއަން ރުފިޔާ ލިބިފައިވާކަން ވެސް ޝިޔާމު ފާހަގަކުރައްވާފައި ވެއެވެ. ހަމައެހެންމެ، ޖަޕާނުން ގްރާންޓު އެހީގެ ގޮތުގައި 68.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމުގައިވެސް ޝިޔާމުގެ ހުށައެޅުމުގައި ވެއެވެ.

އޭގެ އިތިރުން ވެސް ވޯލްޑް ބޭންކުން 254 މިލިއަން ރުފިޔާއަކާއި، 308 މިލިއަން ރުފިޔާއަކާއި، 112 މިލިއަން ރުފިޔާއަކާއި 308 މިލިއަން ރުފިޔާއަކާއި 154 މިލިއަން ރުފިޔާގެ އެހީ އެކި ތާރީޚުތަކުގައި ދީފައިވާކަން ޝިޔާމު ފާހަގަކުރައްވާފައި ވެއެވެ. ޝިޔާމުގެ މި މައްސަލައިގައި އިންޑިޔާއިން 84 މިލިއަން ރުފިޔާއާއި، 106 މިލިއަން ރުފިޔާއާއި، 12.3 ބިލިއަން ރުފިޔާގެ ކްރެޑިޓު ފެސިލިޓީއެއް ދީފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރަށް މިހާލަތުގައި ލިބިފައިވާ މާލީ އެހީތެރިކަން ހޭދަކޮށްފައިވާ ގޮތެއް ބެލުމަށް ޝިޔާމް މައްސަލައެއް ހުށަހަޅުއްވާފައިވާއިރު، މިހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ސަރުކާރުން ދަރަނި އަދާކުރުމާއި، ދަރަނި ނެގުމާއި ގުޅޭ އުސޫލުތައް ހަރުދަނާ ގޮތެއްގައި ނުބެލެހެއްޓޭކަަމަށް ވިދާޅުވެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާ ފައެވެ. މިމައްސަލާގައި ދައުލަތުގެ މިހާރުގެ މާލީ ވަޒީރާއި މާލީ ވަޒީރުކަން ކުރިން އަދާ ކުރެއްވި ދެ ބޭފުޅަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން