އެމް.އެމް.އޭ ގެ ގަވަރުނަރު އަލީ ހާޝިމް
އެމް.އެމް.އޭ ގެ ގަވަރުނަރު އަލީ ހާޝިމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

ގަވަރުނަރު ޢަލީ ހާޝިމް މަޤާމުން ވަކިކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވަމުން ނާޒިމް އިއްޔެ ވިދާޅުވީ ގައުމުގެ އިޤްތިޞާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމް.އެމް.އޭ އިން މަނިޓަރީ ޕޮލިސީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގަމުންދާ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ، މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރިޔާސަތަށް ފޮނުއްވި ސިޓީ އިއްވަވާފަ އެވެ. އެ ސިޓީގައި ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ހުށައަޅާ ސަބަބުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާމް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރުއަޅުއްވާފައިވާތީ އިގްތިސާދުގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިޤްތިޞާދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން ސަރުކާރުންވެސް މިހާރު ފައިސާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ކަމަށްވާތީ ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގޮއުލޭޓްކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ކުރަމުންދާތައް ނުފެންނަކަމަށާއި 17 ނޮވެމްބަރުން ފެށިގެން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާދިނުމާއި އަދި އެމްއެމްއޭގެ މަގްސަދުތައް ހާސިލުކުރުމަށް ގަވަރުނަރު މަސައްކަތް ކޮށްފައިނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ހަމައެއާއެކު އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރުގެ މަސްއޫލިއްޔަތު އަލީ ހާޝިމް އަދާނުކުރަށްވާތީ މިވަގުތު އެ އޮތޯރިޓީއަަށް އާ ލީޑާޝިޕެއް ބޭނުންވާ ކަމަށް މާލިއްޔަތު ކޮމިޓީން ރިޔާސަތަށް ފޮނުވާފައިވާ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގެ ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވާ ނިމުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ނިންމެވިކަން އިއުލާނު ކުރަށްވާފަ އެވެ.

ގަވަރުނަރު ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވާއިރު މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިވާނީ، އެ ފަރާތްތައް މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއެއްގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމް.ޑީ.ޕީ ގެ ވެރިކަމުގައި 8 ސެޕްޓެމްބަރު 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން