ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ ބައެއް މާއްދާތައް އުނިކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައި ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ސަމޯއާ އެގްރީމެންޓުގެ ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާ ކަމަށެވެ. މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މިސަރުކާރުން ފުރުޞަތުނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." ހީނާ ވަލީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) ގެ "ސަމޯއާ އެގްރީމަންޓް" ގައި ސޮއިކޮށްފައި ވަނީ މިއަދު އެވެ. މި އެގްރީމެންޓުގައި ބައިވެރިވެ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުޞަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން