ސަރުކާރުން މަޖިލީހަށް ހުށައެޅި ދަޢުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލް މަޖިލީހުގެ ތަޅުމުން ބަލައިގަނެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ދެބިލަށް މަޖިލީހުގެ މެންބަރުން ވަނީ 3 ދުވަހު ބަހުސް ކުރަށްވާފައެވެ. މިއަދުގެ ޖަލްސާގައި މި ދެބިލު ވެސް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ތާއީދާއެކުގައެވެ.

އެހެންކަމުން މަޖިލީހުގެ ރިޔާސަތުންވަނީ އެ ދެ ބިލު އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

ދަޢުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ވަނީ ބިލު ފާސްވެ އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ދަޢުލަތުގެ ޑެޓް މެނޭޖުމަންޓް އޮފީހެއް ގާއިމްކޮށް ދަޢުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމުގެ މަސައްކަތް އެއޮފީހުން ކުރަން ޖެހޭނެ ކަމަށެވެ.

މިއަދު މަޖިލީހަށް ބަލައިިގަތް ފިސްކަލް ޒިންމާގެ ބިލަކީ މިހާރު ޢަމަލު ކުރަމުންދާ ދަޢުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބަދަލުގައި ސަރުކާރުން ހުށައެޅި ބިލެކެވެ.

މި ދެބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، ދަޢުލަތުގެ ދަރަނީގެ މައްސަލާގައި އެމް.ޑީ.ޕީ އިން ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ މި ސަރުކާރަށް އިޤްތިޞާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައާއި ޚަރަދުވެސް މިހާރު ކުރިއަށްވުރެ 15 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށާއި ސިޔާސީ މުވައްޒަފުންގެ އަދަދު ދެހާހަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އެމް.ޑީ.ޕީ އިން ވަނީ ބުނެފައެވެ.

ނަމަވެސް އެމް.ޑީ.ޕީ ގެ އެތުހުމަތުތައް މި ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުން ގެންދަވަނީ ދޮގު ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން