ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ)
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ)
ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ދެމުންދާ ފައިސާ ވަގުތުން ހުއްޓާލުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ) ގޮވާލައްވައިފިއެވެ.

އިބްރާހިމް މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދަށްކުރުމަށް ވެރިކަންކުރާ ޕީ.އެން.ސީ. ގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައެވެ. އެގޮތުން އިއްބެވަނީ ދަޢުލަތަށް ބުރަ ބޮޑުވާގޮތަށް މިހާރު އެކުލަވާލާފައި އޮތް އޮނިގަނޑު އިސްލާޙް ކުރުމަށް ގޮވާލައްވާފައެވެ.

އިއްބެ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ދެމުންދާ ފައިސާ އާއި އެއްވަރަށް އެ ޕާޓީތަކުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު އެކަނިވެސް ދަޢުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 32.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އިއްބެ ފާހަގަ ކުރެއްވިއެވެ.

"އިދިކޮޅު ޕާޓީތަކުން ކޮން ކަމެއްތޯ ކުރަނީ؟ ކޮން ނަމޫނާއެއްތޯ ދައްކަނީ؟ އިދިކޮޅު ޕާޓީތަކެއް އޮވެގެން ކުރާ މަސައްކަތަކީ ރައްޔިތުންނާ އެއިރެއްގެ ވެރިކަންކުރާ ވެރިއަކާ ދޭތެރޭގައި ފިތުނަ ފަސާދަ އުފެއްދުން." އިއްބެ މިއަދު ވިދާޅުވިއެވެ.

އިއްބެ ވިދާޅުވީ ކޮންމެ ފަސްއަހަރަކަށް މެންބަރުން މަޖިލީހަށް އިތުރުވާނަމަ އެއީ 5 އަހަރުގެ ބަޖެޓަށް ބަލާއިރު ބޮޑު ޢަދަދެއް ކަމަށެވެ.

އެހެންކަމުން ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު އިންތިޚާބު ކުރާގޮތަށް މަޖިލީހުގެ މެންބަރުންގެ ޢަދަދު ހިފެހެއްޓުމަށާއި، ކައުންސިލަރުންގެ ޢަދަދުވެސް މަދު ކުރުމަށް އިއްބެ މިއަދުވަނީ ގޮވާލަށްވާފައެވެ.

އަދި މިކަމަށް ޢަމަލީ ސިފައެއް ގެނެވިއްޖެނަމަ އަހަރަކަށް 300 މިލިއަނެއްހާ ރުފިޔާ ދަޢުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށް އިއްބެ މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން