ސުކޫލެއްގެ ކްލާސްރޫމެއްގައި  ކިޔަވައިދެނީ: ދެވަނަ ޓާމްގެ ކިޔެވެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީމަހު
ސުކޫލެއްގެ ކްލާސްރޫމެއްގައި ކިޔަވައިދެނީ: ދެވަނަ ޓާމްގެ ކިޔެވެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީމަހު
މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި އެކެޑެމިކް ކަލަންޑަރުގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ ތިނެއްގައި ކަމަށެވެ. ފުރަތަމަ ޓާމްގެ ދިގުމިނަކީ 198 ދުވަހެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށްދާނީ އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށް ކަމަށް އެކެޑަމިކް ކަލަންޑަރުގައިވެއެވެ. އެކެޑެމިކް ކަލަންޑަރުގައި ބުނާގޮތުން ދެވަނަ ޓާމްގައި ކިޔަވައިދޭނީ 113 ދުވަހު އެވެ.

މި ބަދަލާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރު ފަށާނީ 10 އޮގަސްޓުގަ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރި ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ނިންމާފައި ވަނީ ސްކޫލްތައް ބަންދުކޮށް ދަރިވަރުންގެ ކިޔެވުން މެދުކެނޑުމާއި ގުޅިގެންނެވެ. އަންނަ އަހަރުގެ މެދު ތެރޭގައި ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވާއިރު މި ބަދަލު ދާއިމީ ކުރުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހިޔާލު ހޯދަން ހުޅުވާލާފައެވެ.

ކޮވިޑްގެ ސަބަބުން ސްކޫލްތައް މިދިޔަ މާޗްް މަހު ވަނީ ބަންދުކޮށްފައެވެ. ސުކޫލުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިދިޔަ މަހު ވަނީ އަލުން ސުކޫލުތައް ހުޅުވާލާފަ އެވެ. ނަމަވެސް މާލެ ސިޓީގައި ކިޔަވައިދިނީ ގްރޭޑް 9 އިން 12 އަށެވެ. ހުޅުވާލުމަށް ފަހު ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ އަނެއްކާވެސް މާލޭގެ ސްކޫލްތައް ވަގުތީ ގޮތުން ބަންދުކޮށް މިހާރު ކިޔަވައިދެނީ އޮންލައިންކޮށެވެ. ކޮވިޑް ބަލި ފެތުރޭ ރަށްރަށުގައި ވެސް ކިޔަވައިދިނުން ވަނީ މަނާކޮށްފަ އެވެ. ޕޮޒިޓިވް ކޭހެއް ފެނި ރަށް ލޮކްޑައުން ކުރުމުން ސްކޫލްތައް ވެސް ބަންދު ކުރާ ގޮތަށް ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން