ޕީޕީއެމުން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ، އިދިކޮޅު ޕީޕީއެމް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެޕާޓީ ޖޫރިމަނާކޮށްފައިވާކަން އިއްޔެ އަންގަފައިވާނެކަމަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ބެލެހެއްޓުމުގައި ޤާނޫނާއި އެއްގޮތަށް އަމަލުނުކޮށް އަދި މާލީ ބަޔާން ހުށައެޅުމުގައި އެކަށީގެންވާ ގޮތަށް އަމަލުކޮށްފައި ނުވާތީ ޕާޓީވަނީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މިފައިސާ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދައްކާ ހަލާސްކުރުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ، އޭރު އެ ޕާޓީގެ ހަޒާންދާރު އަދި މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ ވަނީ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ގާނޫނުގައި ސިޔާސީ ޕާޓީތަކުން މާލީ ކަންކަން ކުރިއަށް ގެންދަން ޖެހޭގޮތް ވެސް ވަނީ ބަޔާންކޮށްފައެވެ.

އަދި މި ފައިސާ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދައްކާ ހަލާސްކުރުމަށް އޭނާއަށް އަންގާފައިވާކަން ވެސް އެނގިފައި ވެއެވެ. އިލެކްޝަން ކޮމިޝަނުން މީގެކުރިންވެސް ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް އަމަލުކޮށްފައިވާ އަދި ގާނޫނުގައި ބުނާ ލިޔުންތައް ހުށަނާޅާ ޕާޓީތައް ޖޫރިމަނާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން