ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްކަމަށާއި، އިދިކޮޅު ޕާޓީހެދިގެން މަޖިލިސް ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުން ކުރުމަށް ނޫންކަމަށް ވިދާޅުވެ މެންބަރު ރޮޒޭނާ އާދަމް ރައީސް ނަޝީދަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

މަޖިލިސްތެރެއިން މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ޕީޖީ ލީޑަރު އާލީ އާޒިމް މެދުވެރިކޮށްގެން ކުރައްވަމުންދާ މަސައްކަތަށް ފާޑުވިދާޅުވެ ރޮޒޭނާ ވިދާޅުވީ 65 ގޮޑި ދިނީ ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުންކޮށް މެނިފެސްޓޯ ތަންފީޒު ކުރުމަށް ހުރަސް އުޅުމަށް ނޫންކަމަށެވެ.

ރައްޔިތުން ތިބީ މިއަދު މިމަންޒަރުތައް ވަރަށް ކައިރިން ބަލަން ކަމަށާއި، މަޖިލިސް ތެރެއިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ވަކި ބަޔަކު މަސައްކަތްކޮށް ޖެއްސުން ކުރުމަކީ ރައްޔިތުން ބަލައި ގަންނާނެ ކަމެއްނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި މިކަމުން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދުމަށް މަޖިލިސް ތެރެއިން ހުރަސް އަޅާ މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހުމް މުހައްމަދު ޞާލިހު ނިސްބަތްވާ ޕާޓީއަށް މަޖިލީހުގެ 65 ގޮޑި ދިނީ އުދަނގުލަކާއި ނުލައި މެނުފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް. އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުން ކުރާކަށްނޫން. މިދެން ބޮޑުވަރު." ރޮޒޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ގޮތުން އެ ޕާޓީގެ ދެތިން މެމްބަރަކު، ސަރުކާރު ހަލާކުކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްވެސް ވަނީ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ވެރިކަން ހިންގަވަން ރައީސަށް ދަތިފުޅުވާ ގޮތަށް ދެތިން މެމްބަރަކު މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ. މިއީ އެންމެން އެކުގައި ރައްޔިތުންނަށް ވައުދުތަކަކާ އެކު ގެނައި ސަރުކާރެއް ކަން ހަނދާންކޮށްދެއްވަމުން އެ މަގްސަދާ ދުރަށް މަޖިލީހުން ވެސް އަމާޒު ނުހިފުމަށް އޭނާ އެދިވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން