ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް (މ)
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް (މ)
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެމަނިކުފާނު މި ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން މިމޭރުމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ކަމަށް ރައީސް ޑރ. މުޢިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓުން އެޕާޓީގެ އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި މުހުތާޒަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރީ ކޮންކަމެއްކުރަން ތިއްބަވަނިކޮށްތޯ ތަޙުޤީޤު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުން ހައްޔަރު ކޮށްފައިވަނީ ފަތިސްނަމާދަށް ތިއްބަވަނިކޮށް ނޫންކަމަށާއި އެކަން ހިނގައިދިޔަގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މުހުތާޒަށް ކަމަށެވެ.

“މުހުތާޒަކީ މިކަހަލަ ކަންކަން ކުރައްވައިގެން ގާނޫނީ ހުކުމެއްގައި ހުންނެވި ބޭފުޅެއް. ދެން އަޅުގަނޑެއް ނޫން އަޅުގަނޑުގެ މައްޗަށް ނިޔާ ކަނޑައަޅާނީ. އަނެއްކާވެސް ފަނޑިޔާރު ނިޔާ ކަނޑައަޅާނީ.” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ މިހާރުވެސް ކޯޓު މަރުޙަލާގައި އުޅުއްވާ ބޭފުޅެއް ކަމަށާއި މި ސަރުކާރުންވެސް އެމަނިކުފާނަށް ހޯއްދަވައި ދެއްވުނު މިނިވަންކަމެއް ނެތް ކަމަށެވެ.

އަދި ފެބްރުއަރީ 1 ގައި ނިޔާ ކަނޑައެޅުއްވި ފަނޑިޔާރުންނަށްވެސް އެމައްސަލަ އަލުން ތަހުޤީޤުކޮށްފިނަމަ ދެން ވެގެންދާނެ ގޮތްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި އެމައްސަލައިގެ އަސްލަށް ރުޖޫޢަވެ އެކަން ތަޙުޤީޤު ކުރަންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އަސްލު މައްސަލައަށް އަންނަންވީނޫންތޯ. ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފަތިސް ނަމާދު ކުރަން ތިއްބައިތޯ އެމީހުން ގެންދިޔައީ. އެމައްސަލަ ބަލައިލަންވީނޫންތޯ. އެމައްސަލަ ތަހުގީގު ކުރަންވީނޫންތޯ.” ރައީސް ޔާމީން ސަރުކާރަށް ގޮވާލެއްވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ޖަލުގައި ތިއްބަވަނިކޮށް، އެ ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުންވަނީ 1 ފެބްރުއަރީ 2018 ވަނަ ދުވަހު އަމުރެއް ނެރެފައެވެ.

އެ އަމުރާއި ގުޅިގެން ރާއްޖެ ހަލަބޮލިވެފައިވަނިކޮށް ރައީސް ޔާމީން ނިންމެވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސުޕްރީމްކޯޓުގެ އެ ކުއްލި ނިންމުން ތަހުގީގު ކުރެއްވުމަށެވެ.

އަދި ސުޕްރީމް ކޯޓު ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގަދަކަމުން ހައްޔަރުކޮށްގެން ގެންގޮސް، ދޫނިދޫގައި ބަންދުކޮށް ރިޝްވަތު ނެގިކަމުގެ ދައުވާކޮށް ހުކުމްކޮށް ޖަލަށްވެސް ލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން