އެފްއެސްއެމްގެ ތެޔޮ ބާޖެއް
އެފްއެސްއެމްގެ ތެޔޮ ބާޖެއް
އެރިޓްރިއާގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ތެޔޮ ބާޖު އަދިވެސް ރާއްޖެއަށް ނުގެނެވޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

މި ބާޖުތައް ހިފަހައްޓާފައިވަނީ މޫސުން ގޯސްވެގެން އެރިޓްރީއާގައި ބަނދަރުކުރުމުންނެވެ. އަދި އެފްއެސްއެމްގެ ދެ ބާޖުގައި ތިބި ފަޅުވެރިން ރާއްޖެ ގެނެސްފައިވާއިރު އެފްއެސްއެމްގެ ދެބާޖާއިއެކު ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބާޖެއްވެސް އެރިޓްރިއާގައި މިދިޔަ 2023 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ހިފެހެއްޓިއެވެ.

އެރިޓްރިއާގައި ހިފަހައްޓާފައިވާ އެފްއެސްއެމްގެ ދެ ބާޖަކީ 180،000 ލީޓަރުގެ ޑީސަލާއި 40،000 ލީޓަރ ޕެޓްރޯލާއި 60،000 ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި ދެބާޖުކަމަށް އެފްއެސްއެމުން މަޢުލޫމާތުދީފައިވެއެވެ.

އެފްއެސްއެމްގެ ތެޔޮ ބާޖުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރަށްވަމުން ޝިމާދު ވިދާޅުވީ އެރިޓްރިއާގައި ހިފަހައްޓާފައިވާ ބާޖުތަކަށް މާ އުއްމީދީ ޖަވާބެއް މިވަގުތު ދެވެން ނެތްކަމަށެވެ. އަދި އެޤައުމާ މުޢާމަލާތު ކުރުމަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

"އަދި އަލިމަގެއް ނުފެނޭ. އަލިމަގެއް ފެންނާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް." ޝިމާދު ވިދާޅުވިއެވެ.

އެ ބާޖުތަކަކީ 2019 ވަނަ އަހަރު އެފްއެސްއެމުން ބަންނަން ޙަވާލުކުރި 4 ބާޖުގެ ތެރެއިން ދެބާޖެވެ. މިސްރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ބަންނަމުން ދިޔަ 4 ބާޖުގެ ތެރެއިން ދެ ބާޖު މީގެ ކުރިންވަނީ ރާއްޖެއަށް ގެނެސްފައެވެ.

އެފްއެސްއެމްގެ ފްލީޓްގައި ޖުމްލަ 20 ބާޖު އޮވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން