ރައީސް ނަޝީދު މޯދީ އާއި ސަލާމްކުރައްވަނީ
ރައީސް ނަޝީދު މޯދީ އާއި ސަލާމްކުރައްވަނީ
އިންޑިއާއިން ރާއްޖެއަށް ދޭން ނިންމައި، މިއަދު އިއުލާނުކުރި އެހީއަކީ، ރާއްޖެއަށް އެންމެ ބޭނުންވާ ފަދަ ލުއި އެހީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށްޓަކައި މި ސަރުކާރުން އިއުލާނުކޮށްފައިވާ ބްރިޖްގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން 500 މިލިއަން އެމެރިކާގެ ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ މިއެހީއާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް އެންމެ ބޭނުންވާ ފަދަ އެހީ ކަމަށެވެ. އަދި އެއީ ރާއްޖޭގެ މުހިންމު އުމްރާނީ ތަރައްގީއަށްޓަކައި ގާތް އެކުވެރިޔަކު ހެޔޮހިތުން ދިން އެހީއެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންޑިއާއިން ދިން އެހީއަކީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާނެ ފަދަ ކޮމާޝަލް ލޯނެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ސިނަމާލެ ބުރިޖު މަޝްރޫއާއި ހިޔާ މަޝްރޫއަށް ޗައިނާ އިން ބޮޑު އަދަދުން ލޯނު ދީ، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާކަމަށް  އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ޗައިނާ އިން ވަނީ ލޯނުގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ބްރިޖް މަޝްރޫއަށް ދީފައެވެ. ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން