1 މިލިއަން ޑޮލަރު ހޯދުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދައުވާ ކުރުމުން އެކަން ނުކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސ,ް، ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން މިހެން ބުނެފައި ވަނީ ރައީސް ޔާމީނާއި އެންޓި ކޮރަޕްޝަނާ ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ޔާމީން ޖަމާ ކުރެއްވި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަނބުރާ ހޯދުމަށް ބީއެމްއެލްގެ މައްޗަށް ހައި ކޯޓުގައި ދައުވާ ކުރުމުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އެސްކްރޯ އެކައުންޓެއްގައި އެއް މިލިއަން ޑޮލަރު ޖަމާކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

ތަހުގީގު ނިމެންދެން މި ފައިސާ ބަހައްޓާގޮތަށް ޔާމީންގެ ފަރާތުން ކުރިން ނިންމި ނަމަވެސް އަނބުރާ އެ ފައިސާ ހޯދުމަށް ވަނީ އެދިފައެވެ. އަދި އެ ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ވަނީ ބޭންކާއި އޭސީސީއާ ދެކޮޅަށް ދައުވާ ކޮށްފައެވެ.

މި މައްސަލާގައި ބޭންކުން ވަނީ އިޖްރާއީ ނުކުތާއެއް ނަގައި އެ ދައުވާ ބޭންކުގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފް ކުރި އެވެ.

އެގޮތުން އިސްތިއުނާފަށް ހުށައަޅައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލުން ބުނީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ މުއާމަލާތުގެ ބައިވެރިއެއް ނޫން ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުގެ ވަކީލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން