ރައީސް ޞާލިހާއި މިނިސްޓަރ ފައްޔާޒް
ރައީސް ޞާލިހާއި މިނިސްޓަރ ފައްޔާޒް
އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަސައްކަތް ކުރާތީ ކަންބޮޑުނުވާ ކަމަށާއި، މިއީ އޭނާގެ ފައިޓެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ފައްޔާޒް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅޭ ކަން އެނގިވަޑައިގަތީ އިއްޔެ ކަމަށެވެ. އެވަރުގެ ކަމެއް އޮތް ނަމަ، އޭނާއާ އެކަން ހިއްސާ ކުރައްވާނެ ކަމަށާއި އަދި ގޯސްތަކެއް ހަދާ ނަމަ، އޭނާ އަށް އިޝާރާތެއް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެފަދަ އިޝާރާތެއް އޭނާއާ ހަމައަށް އައިސްފައި ނުވާ ކަމަށް ވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.

"އެއީކީ އެއްވެސް މައްސަލައެއް ނޫން. އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކުގައި އަޅުގަނޑުގެ 24 ގަޑިއިރު ހޭދަކޮށްގެން މިދަނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ އާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް. އަޅުގަނޑަށް ވެވެން ހުރި ކަމެއް ކުރަން." ފައްޔާޒް ވިދާޅުވިއެވެ

ފައްޔާޒް ވިދާޅުވީ އޭނާ އަށް އިނގިލި ދިއްކޮށްފައި، "ނުބެހޭ ކަންތައްތަކާ ބެހޭ" ވާހަކަ ބުނަމުންދާ ބަޔަކު އުޅޭ ކަމަށެވެ. އެއީ ހަގީގަތެއް ކަމަށާއި އޭނާއަކީ ރައްޔިތުންނާ ގާތް ބޭފުޅެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"އެ ތުހުމަތަކީ ރަނގަޅު ތުހުމަތެއް. އަދިވެސް އަޅުގަނޑު މިތާ ހުރިއްޔާ އެކަން ކުރާނަން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ، ދައްކާނެ އެއްވެސް ކަމެއް ނޯންނާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށެވެ. އެކަމަކު، ވާހަކަ ދެއްކުން ހުންނަ ގޮތުން އޭނާއާ މެދުގައި ބަޔަކު ހިތްހަމަނުޖެހިދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ފަންސަވީސް ކަމެއް، ތިރީސް ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ނުވެސް ބަލަން. އެކިއެކި ބޭފުޅުން ސޮއިކުރެއްވި ވާހަކަ އިވޭ. އެއިން އެއްވެސް ބޭފުޅަކަށް އަޅުގނޑު ނުވެސް ގުޅާނަން. މިއީކީ އަޅުގަނޑުގެ ފައިޓެއް ނޫން." ފައްޔާޒް ވިދާޅުވިއެވެ.

އިތުބާރުގެ ވޯޓަކީ އޭނާގެ ފައިޓެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވެފައިވުމުން މާނަކުރެވެނީ މި ވޯޓަކީ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު އޮތް ވާދަވެރިކަމުގެ ސަބަބުން ހިނގައިގެން އުޅޭ ކަމެއް ކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު


10

އައްޑޫ ސިޓީ

14-Aug-2020

ރިއާސީ ނިޒާމްހިންގަން މަޖިލިހުން އުނދަގޫ ކުރަންޔާ ރައިޔަތުން ނުކުމެ މަޖިލިސް ކުރާގެ ރައިޔަތންގެ ބެލި ުމުގެ ދަށައް ގެނަންވީ! ރައިޔަތުންގެ މަޖިލިހުގައި އެޖެންޑާ ކުރެވެން ވާނީ އަމިއްލަ އެޖެންޑާ އެއްނުން! ރައިޔަތުންގެ އެޖެންޑާ!



ޓްރެންޑިން