މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހިމެނޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓު އޮތީ ދެކޮޅަށް ފޮހެވޭ ރަބަރެއްގެ ދަށުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިސަަރުކާރާއި ކުރީ ސަރުކާރުގެ އިސްބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ މެމްބަރުންވެސް ހިމެނޭހެން އެތައްބަޔަކު ޝާމިލުވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ކުރީ ސަރުކާރުގެ ދެ ވަޒީރަކާއި އިތުރު ބޭފުޅަކަށް ދައުވާ ކުރުމަށް ރޭ ދަންވަރު އޭސީސީން ވަނީ ފޮނުވާފައެވެ. އެތައް ސަތޭކަބަޔަކު ޝާމިލުވާ މިމައްސަލާގައި އެންމެ ތިން ބޭފުޅަކަށް ދައުވާ ކުރުމަށް އޭސީސީން ނިންމި ނިންމުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިމައްސަލަ މިއަދު ސިޔާސީ މައްސަލައަކަށް ބަދަލު ވެފައިވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ލިސްޓުގައި މިހާރުގެ ދައުލަތުގެ ބައެއް އިސް ބޭފުޅުންވެސް ހިމެނޭކަމަށް އެތައްބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ލިސްޓު ހާމަކުރާނެކަމަށް މިސަރުކާރުން ތަކުރާރުކޮށް އެތައްފަހަރަކު ވިދާޅުވިނަމަވެސް އަދާހަމަޔަށްސް ލިސްޓު ހާމަކޮށްފައެއް ނުވެއެވެ. މިލިސްޓުގައި ހިމެނޭ ނަންތަކަކީ ސިޔާސީ އިސް ބޭފުޅުންގެ ނަންތަކަކަށްވުމުން މިނަންތަން މަޖިލީހާއި ރައީސް އޮފީހުން ބޭނުން ވަގުތަކު ފޮހެވޭގޮތަށް މިއަދު ބައްޓަން ކޮށްފައިވާމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ ގެ ކޮރަޕްޝަންގައި ހިމެނޭ މީހުންގެ ލިސްޓުގައި ސިޔާސީ ބޮޑުންނާއި މަޖިލިސް މެމްބަރުން ހިމެނެނީ، އެލިސްޓު އޮތީ ދެކޮޅަށް ފޮހެވޭ ރަބަރެއްގެ ދަށުގައި. އެއްބައެއްގެ ނަން ފުހެދެނީ ރައީސް އޮފީހުން. އަނެެއްބައި ނަންތައް މަޖިލީހުން. އެންމެ ބާރަށް އަޑުގަދަ މީހުންގެ ނަންތައް ދެކޮޅުންވެސް ތާއަބަދަށް ފޮހެވޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭސީސީން ރޭ ދަންވަރު 12 ޖަހަން އުޅެނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން. އޭސީސީން ވަނީ ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ. ދަޢުވާކުރަން ފޮނުވާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރ އަދި ފަހުން ނައިބުރައީސްގެ މަޤާމުވެސް ފުރުއްވި ޢަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުގެ މައްޗަށެވެ. މީގެއިތުރުން ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރުގެ މައްޗަށްވެސް މި މއްސަލާގައި ދައުވާ ކުރަން ފޮނުއްވާފައިވެއެވެ.

ބޮޑު ޚިޔާނާތުގެ މައްސަލައިގައި އޭސީސީން ކުރީގެ ސަރުކާރުގެ ދެތިން ބޮޑުންގެ މައްޗަށް ދައުވާ ކުރަން ކުއްލިއަކަށް ފޮނުވާފައި މިވަނީ މިފަހަކަށް އައިސް ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރުކޮށް އޭސީސީން މައްސަލަތައް ނުބަލާ ކަމަށާއި މައްސަލަތަކުގައި ދައުވާ ނުކުރާތީ މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރުދީ ބިރުދައްކަމުން ދަނިކޮށެވެ. އޭސީސީގެ މެންބަރުން ރެއާ ދުވާލު މަސައްކަތް ކުރަމޭ، އަދި އެތައް ސަތޭކަ މައްސަލައެއް ބަލައި ނިންމައިފީމޭ ކޮމިޓީގައި މެންބަރުން ވިދާޅުވަމުން ގެންދެވި ނަމަވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން އެންމެ ފަހުން ވެސް ވިދާޅުވެފައިވަނީ އޭސީސީގެ މެންބަރުން ތިއްބަވަނީ ކަމެއް ނުކޮށް ގޮނޑި ހޫނުކުރާން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ބުނެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނެއެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ބުނެފައި ވާއިރު، ޕީޖީ ވިދާޅުވީ ގިނަ ބަޔަކާއިމެދު ކުރެވޭ މި ތުހުމަތާއި ގުޅިގެން ވަކި ބަޔަކަށް ޓާގެޓްކޮށްގެން ދަޢުވާކުރުންވެސް އެންމެ ރަނގަޅުކަމަކަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް މިމައްސަލާގައި ތުހުމަތުކޮށްފައިވާ މީހުންގެ ތެރެއިން އޭރުވެސް އަދި މިހާރުވެސް ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި މީހުންގެ މައްސަލަތައް ވީއެންމެ އަވަހަކަށް ކޮޅެއްގައި ޖައްސައި އެކަން ނިންމަން ޖެހޭކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއްގައި ކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން