ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަހުން ކުރި ދެ ދައުވާގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އެ ކޯޓުން ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލަތައް ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން މިދިޔަ ޖޫން މަހު ވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ކުރަން ކޯޓަށް ފޮނުވައިފަ އެވެ. އެ ދައުވާ ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކަމަށް ބުނެ އެވެ.

ޕީޖީ އޮފީހުން ހުށައެޅި މި މައްސަލާގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކ. މާލެ، މއ. ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު، ދިވެހި ރުފިޔާއިން ނަމަ 17.2 މިލިއަން ރުފިޔާ) ހޯދާފައިވާކަމަށެވެ.

އަދި މި ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ. މި މައްސަލާގައި ހިމެނޭ ކުށް ކޮށްގެން ހޯދާފައިވާ 20.8 މިލިއަން ރުފިޔާ އާއި ކުށުގެ އަމަލުން ހޯދި ފައިސާ އާއި އެއްކޮށްފައިވާ 35.3 މިލިއަން ރުފިޔާގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 534 މިލިއަން ރުފިޔާ ދައުލަތަށް ހޯދަން މަސައްކަތް ކުރާނެކަމަށްވެސް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގެ އިތުރުން ރައީސް ޔާމީން 5 އަހަރަށް ޖަލަށްްލުމުގެ އިތުރުން 5 މިލިއަން ޑޮލަރު ދެއްކުމަށް ކުރި ހުކުމާއި އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ބަންޑާރަ ނައިބު ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް އަންގަވާފައެވެ.

ޔާމީންގެ މައްޗަށް ފަހުން ކުރި ދެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ހަމަޖެއްސިއިރުު، އެ މަނިކުފާނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން