ގިނަ ދުވަސްތަކަކަށްފަހު ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވި ދުވަހަކަށް މިއަދު ވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ވަނީ 90 މީހަކު ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 3010 އަށް އިތުރުވެފައެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 78 މީހަކު ކަމަށެވެ. މީގެ ތެރެއިން 74 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 4 މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުގެ ތެރެއިން 46 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވެ ވެފައިވަނީ ބަނގްލަދޭޝްގެ 25 މީހަކާއި އިންޑިއާ 4 މީހުންނާއި ނޭޕާލް ގެ މީހަކާއި ސްރީލަންކާ 2 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިއަދު ބަލިޖެހުނު 78 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5572 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް19 ފެނުނުތާ މިއަދަށް 160 ދުވަސް ވެފައިވާއިރު ލުއިދިންފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ކޯވިޑަށް ލުއިދޭން ފަށާފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން މިއަދާއިހަމަށް 60 ދުވަސް ވެފައިވާއިރު ބަލިޖެހޭ މީހުންގެ ނިސްބަތް ދުވާލަކަށް އެވްރެޖްކޮށް އުޅެނީ 80 އަށްވުރެ މަތީގައެވެ. ފުރަބަންދަށް ދިން ލުއިތަކަށްފަހު މިހާތަނަށް ރާއްޖެއިން ވަނީ 3،500 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 22 މީހަކު ވަނީ ކޯވިޑް19 ގައި ރާއްޖެއިން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން