ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން
ސަރުކާރުން ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކޮށް، އެއްވެސް ރައްޔިތަކަށް ގެއްލުމެއް ނުވާނެ ގޮތަށް ޢަމަލުކުރާނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، ޕީ.އެން.ސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމުގައި މި ސަރުކާރުން ރައްޔިތުންގެ ހިތްހަމަޖެހުމަށް އިސްކަންދޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ނިންމުމަކުން ރައްޔިތުންނަށް ގެއްލުމެއް ނުވަތަ ދެރައެއް ކުރިމަތިނުވާނެ ކަމަށް އައިފާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ، ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތި ހާލަތު އިތުރަށް ރަނގަޅުކޮށް، ފުރިހަމަ ގޮތެއްގައި ހައްލުކުރުމުގެ އަޒުމުގައި، އެއްވެސް ހާލެއްގައި ރައްޔިތުންނަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" އައިފާން ވިދާޅުވިއެވެ.

މީގެ އިތުރުން އައިފާން ވިދާޅުވީ، ރާއްޖެ މިހާލަތަށް ވައްޓާލުމުގެ ޒިންމާ މިނިވަން މުވައްސަސާތަކުންނާއި ކުރީގެ ރައީސް ސާލިޙުގެ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އިސްބޭފުޅުން ނަންގަވަންޖެހޭނެ ކަމަށެވެ.

އެގޮތުން ކުރީގެ ސަރުުކާރުގެ ވެރިކަމުގައި ކޮށްފައިވާ ވައްކަމުގެ މައްސަލަތަކާއި ރައްޔިތުންނަށް ދީފައި ހުރި ގެއްލުންތަށް މި ސަރުކާރުން ބަލާނެ ކަމަށް އައިފާން ވިދާޅުވިއެވެ.

"ކޮށްފައި ހުރި ވައްކަންތަށް ބަލާނެ، ރައްޔިތުންނަށް ދީފައި ހުރި ގެއްލުންތަށް ބަލައި މިކަންކަން ރިކަވަކުރެވޭނެ ގޮތްތަކެއް ހޯދައިގެން އެކަން ކުރާނެ، އިރާދަކުރެއްވިއްޔާ މި ސަރުކާރުން އޮތީ ރައްޔިތުންގެ ހައްޤުގައި ކުރަންޖެހޭ ކޮންމެ ކަމެއްކުރަން ތައްޔާރަށް،" މާލޭ ސިޓީކައުންސިލްގެ މެމްބަރު ކަން ވެސް ކުރައްވާފައިވާ އައިފާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން