އިންތިހާބުތަކުގައި ރައްޔިތުން ވޯޓު ލާން ނުނިކުންނަނީ ޕާޓީތަކުގެ ލީޑަރޝިޕަށް އިތުބާރު ނުކުރާތީ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ބައެއް ދާއިރާތަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އީސީން އާންމު ކުރުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަމްރު ވިދާޅުވީ، ވޯޓުލީ މީހުންގެ އަދަދު 12 އިންސައްތައަށް ވެއްޓުމުން، މީހަކު ހޮވުމުގެ މާނައެއް ނެތް ކަމަށެވެ.

"މީހުން ވޯޓު ލާން ނުނިކުންނަ އެއް ސަބަބަކީ ޕާޓީތަކުގެ ލީޑަރޝިޕްގައި ތިބި މީހުންނަށް ރައްޔިތުންގެ އިތުބާރު ގެއްލިފަވާތީ. ބަދަލު ނުވެ ދާނަމަ ނިޒާމު އެކީ ގެއްލި ހިނގައިދާނެ." އެމްޑީޕީގެ ލީޑަރޝިޕަށް ފާޑުވިދާޅުވެ އަމްރު ވިދާޅުވިއެވެ.



މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން ހުޅުމާލެ ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އެމްޑީޕީއާ ވާދަކޮށް އެތިން ދާއިރާވެސް ކާމިޔާބު ކޮށްފައި ވަނީ ކޮންގްރެސް ޕާޓީއިންނެވެ.

ނަމަވެސް ތިން ދާއިރާގައިވެސް ވޯޓު ލާފައި ވަނީ ނިސްބަތުން މަދު މީހުންނެވެ. އެގޮތުން ހުޅުމާލެ ދާއިރާއަށް ވޯޓު ލާފައި ވަނީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 13 އިންސައްތަ މީހުންނެވެ. އަދި ހެންވޭރު ހުޅަނގު ދާއިރާއަށް 12 އިންސައްތަ މީހުން ވޯޓު ލާފައި ވާއިރު، މައްޗަންގޮޅި މެދު ދާއިރާއަށް ވޯޓު ލާފައި ވަނީ 22 އިންސައްތަ މީހުންނެވެ.

ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް މަދުވުމަކީ މިފަހުން އިލެކްޝަންސް ކޮމިޝަނުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން