އާދަމް ޝަރީފް ޢުމަރު -
އާދަމް ޝަރީފް ޢުމަރު -
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް މި ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ހަމަޖެހިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތަކާއި ގުޅޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިކަމުގައި ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރެއްވުމަށް މިރޭ މިނިސްޓްރީގެ ފޭސްބޫކް ޕޭޖުގައި އާންމު ކުރެއްވި ވީޑިއޯއެއްގައި އާދަމް ޝަރީފް ވިދާޅުވީ, ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކާއި ގުޅޭގޮތުން ގައުމީ ޔުނިވަރސިޓީ އިން މިހާރު ކުރިއަށް ގެންދާ ދިރާސާ ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

އަދި އެ ދިރާސާ ނިމުމުން އެކަމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ފަށާފައިވާ ކަމަށާއި އެހެންކަމުން އަމާޒަކީ, ދިރާސާތައް ނިމުމުން ދެން ޖެހިގެން އަންނަ ހަފްތާގައި ރައްޔިތުންގެ ހިޔާލަށް ހުޅުވާލުންކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު މިހާރު އޮތްގޮތުން އެ ނިޒާމު ހިނގަންޖެހޭ ފުރިހަމަ މާނައިގައި ނުހިނގާ ކަމަށާއި ބައެއް ބަދަލުތައް ގެންނަން ޖެހޭކަމަށް މިނިސްޓަރުގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ނިޒާމަށް ގެންނަން ބޭނުންވާ ބޮޑު ބަދަލެއްގެ ގޮތުގައި ރައީސް އިއުލާނު ކުރައްވާފައިވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ. އެގޮތުން, 3000 އަށްވުރެ އާބާދީ މަދު ރަށްރަށުގައި 3 ކައުންސިލަރުން ތިބުމުން ފުދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ހަދަމުންދާ ދިރާސާއަށްފަހު ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން